Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

ޓްރަމްޕާއި ހިލާފަށް ބައިޑެން ހުވާކުރާ ހަފްލާގައި ޕެންސް ބައިވެރިވަނީ

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ހަފްލާގައި ޕެންސް ބައިވެރިވެ ވަޑައިގަންނަވަނީ ބައިޑެންގެ ދައުވަތަކަށެވެ. އެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

އެ ހަފްލާގައި ޕެންސް ބައިވެރިވެ ވަޑައިގެންނެވުމަށް ނިންމެވިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހަފްލާގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ އެމެރިކާގެ އާ ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާ ބޭފުޅަކު ވަޑައިނުގަންނަވާ ފުރަތަމަ ފަހަރެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޓްރަމްޕް ނިންމެވިއިރު، އޭނާ ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ގެއްލުންތަކެއް ވެސް ވަނީ ދީފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އަށް ވަދެގެންފައިވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުން ކުރިއަށްދަނިކޮށެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ތަކުރާރުކޮށް ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއެކު ބަދަލުކުރުމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ބައިޑެން އަކީ އެމެރިކާގެ ރައީސްކަން ކުރައްވާނެ 46 ވަނަ ބޭފުޅާއެވެ.