Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެމްޑީޕީ ކެންޑިޑޭޓުންނާއެކު އައްޑޫ މުޅި ދުނިޔެއަށް ހުޅުވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅީ ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ނަޝީދު ސުވާލުކުރެއްވިއެވެ.

"އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން" ނަޝީދު ވިދާޅުވިއެވެ.

ރޭ "ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރޭނިން ސްކޫލެއް އަޅަމުންދާއިރު އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސުވާލަށް އައްޑޫ ކައުންސިލުން ވެސް، ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އެމްބަސީން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މިއީ އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ލަތީފް ވަނީ މޭޔަރު ކަމަށް އިންތިހާބު ވެއްޖެނަމަ އެތަނާއި މެދު އޭނާ ގެންގުޅޭ ތަސައްވުރު ވެސް ހާމަކުރައްވާފައެވެ.

"މި މިލިޓަރީ ބޭސް ހަދަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ލޮކޭޝަނުގައި. ހަދަމުންދާއިރު ސިޓީގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭ. ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ މިތަން. އިދާރަކުރެވިއްޔާ އަޅުގަނޑަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ އެންމެން ގުޅިގެން މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން" އޭނާ ވިދާޅުވިއެވެ.