Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އުއްމީދު ކުރަނީ ޔާމީންގެ މައްސަލާގައި އިންސާފުވެރި ހުކުމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ފަސްކުރެއްވި ނަމަވެސް އެ މައްސަލައިގައި އިންސާފުވެރި ހުކުމަކަށް އުއްމީދު ކުރައްވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ މި މަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 21 ވަނަ ދުވަހަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުން ކަފާލާތު ދެއްވަން ނުފެންނަ ކަމަށް ނިންމެވުމުގެ އެއް ރައުޔަކީ މައްސަލަ ލަސްނުވެ ނިމެނޭ ކަން ކަމަށެވެ.

ދިގު ދެމިގެންދިއަޔަސް، ކްރިމިނަލް ކޯޓު ކޭސްހެން މާދަން ކުރަން އޮތް ހުކުމް ލަސް ކުރެއްވިޔަސް، ނުފޫޒުން އެއްްކިބާ އިންސާފުވެރި ހުކުމަކަށް އުއްމީދު ކުރަން" ގައްސާން ވިދާޅުވިއެވެ.

ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާލާފައެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މި މަހުގެ 21 އަށް ތާވަލްކޮށްފައިވާއިރު ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް މިހާރު ވަނީ އުފުލާފައެވެ.

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.