Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ޓޫރިޒަމްގެ ކާމިޔާބީއަކީ ދިވެހި މުވައްޒަފުން: ޑރ.މައުސޫމް

ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބީއަކީ ދިވެހި މުވައްޒަފުންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ދިވެހި ޓޫރިޒަމް ކާމިޔާބުވުމުގެ އަސްލަކީ ދިވެހި މުވައްޒަފުން ކަމަށެވެ.

"މުރާލި ހީވާގި، ހިނިތުންވެފައި ތިބޭ މުވައްޒަފުން އެއީ ދިވެހި ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބުގެ އަސްލު، އެބޭފުޅުންނަށް ކަންތައް ފަހި ކުރުމަށް ޓޫރިޒަމުން މަސައްކަތް ކުރާނެ"

މައުސޫމް ވިދާޅުވީ މުވައްޒަފުންގެ ކަންކަން ހަރުދަނާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންގެ ކަންކަން ފުރަތަމަ ހައްލު ކުރުމަށް މަސައްކަތް ކުރާނީ މާކެޓުގެ ތެރެއިން ކަމަށެވެ. އެހެން އެކަންތައް ކާމިޔާބު ނުވެއްޖެނަމަ ޓޫރިޒަމްގެ ތެރެއަށް ގާނޫނުގެ ނުފޫޒު ފޯރުވައިގެން އެކަންތައް ހައްލު ކުރާނެ ކަމަށެވެ.

"މިއަދު ގިނަ ރިސޯޓުތައް ވެލިއު ކުރޭ ، އެމީހުން ވިސްނާ އެމީހުން ދެނެގަނޭ ރިސޯޓުގެ އެންމެ އަގުބޮޑު ބަޔަކީ މުވައްޒަފުންކަން އެހެންވެ މުވައްޒަފުންގެ ކަންކަން ބަރާބަރަށް ބަލަހައްޓާ"

މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަކީ ސެލްފު ރެގުލެޓްރީ އިންޑަސްޓްރީއެއް ކަމަށެވެ. އެގޮތުން ޓޫރިޒަމް ގެ ގަވާއިދުތަކަށް ހުރިހާ ރިސޯޓު ތަކުން އަމަލު ކުރަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވިއެވެ.