Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

ޓެސްލާ އިންޑިއާއަށް

ބިލިނިއަރު އީލޮން މަސްކްގެ ޓެސްލާ ކުންފުނިން އިންޑިއާގައި ވިޔަފާރި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދޭ ގޮތުގައި ޓެސްލާ ކުންފުނީގެ މައި އޮފީސް ގާއިމްކޮށްފައިވަނީ އިންޑިއާގެ ޓެކް ސިޓީގެ ގޮތުގައި މަޝްހޫރު ބެންގަލޫރުގައެވެ.

ޓެސްލާއިން ވަނީ ޓެސްލާ އިންޑިއާ މޮޓޯސް އެންޑު އެނާޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އިންޑިއާގެ ރެޖިސްޓަރ އޮފް ކޮމްޕެނީސްގައި ލިސްޓުކޮށްފައެވެ.

އިންޑިއާގެ ޔުނިއަން ޓްރާންސްޕޯޓު މިނިސްޓަރ ނިތިން ކަދަކަރި ވިދާޅުވީ މިއަހަރު ތެރޭގައި ޓެސްލާއިން އިންޑިއާގައި ކާރު ވިއްކަން ފަށާނެކަމަށެވެ.

އިންޑިއާއަށް ޓެސްލާ އައުމުން އެކަމަށް ކަރްނާޓަކާގެ ޗީފް މިނިސްޓަރ ބީއެސް ޔެދިރައްޕާ ވަނީ މަރުހަބާ ކިޔާފައެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި އިލެކްޓްރިކް ކާރުތަކާއި އެކު ކަރްނާޓަކާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޗީޕް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޗައިނާ ފިޔަވައި ދުނިޔޭގެ ދެވަނަ އެންމެ ބޮޑު އާބާދީއޮތް އިންޑިއާއަށް ޓެސްލާގެ ވިޔަފާރި ފުޅާ ކުރި އިރު މިހާރު ދުނިޔޭގައި ހުރި އެންމެ ބޮޑު މަހުޖަނުގެ ލަގަބު އީލޮން މަސްކަށް ވަނީ ލިބިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓެލްސާގެ ހިއްސާގެ އަގު ބާޒާރުގައި އުފުލުމާއި ގުޅިގެން އެލޮންގެ މިލްކިއްޔާތު ވަނީ 185 ބިލިއަނަށްވުރެ ގިނަ ޑޮލަރަށް އިތުރުވެފައެވެ.

އެއާއި އެކު 2017 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމުގައި ހުރީ އެމަޒަންގެ ފައުންޑަރު އަދި ސީއީއޯ ޖެފް ބެޒޮސް ވަނީ ދެވަނައަށް ވެއްޓިފައެވެ.