Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

ކާރެއް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ކ.މާފުށި

ކ. މާފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 12:46 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީއާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހުނު ކަމަށާއި އެ ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މޫދަށް ވެއްޓުނު ކާރު ދުއްވާފައި ވަނީ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.