Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ރިސޯޓު މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދާން ލުއިތަކެއް ދޭން ގޮވާލައިފި

ރިސޯޓުތަކުގައި ހަރަކާތްތެރިވާ މުވައްޒިފުންގެ އިންސާނީ ގިނަ ހައްގުތައް ނިގުޅައިގަންނަމުން ދާތީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް ބައެއް ރިސޯޓްތަކުން ފުރިހަމައަށް އަމަލުކޮށް ތަންފީޒް ކުރަމުން ނުދިއުން، އަދި އެކަށީގެންވާ މިންވަރަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި ފަތުރުވެރިންނަށް ކޯވިޑް19 ޖެހޭ މިންވަރު އިތުރުވަމުންދާ ދިއުމުގެ ކަންބޮޑުވުމާއި މުވައްޒަފުންގެ ސިއްޙަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންދާކަމަށެވެ.

"ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭއާއި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރ ބަންދު ކުރުމާއި، ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަކުރި މުސާރަ މިހާތަނަށްވެސް ގިނަ ރިސޯތް ތަކަކުން (ގާތްގަނޑަކަށް %30) ރިސޯޓުން އަނބުރާ އިޔާދަކޮށްދިނުމަކާއި ނުލައި 8 ގަޑިއިރު ނުވަތަ އެއަށްވުރެއް އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަމުންދާ ދިއުމުގެ ކަންބޮޑުވުން ހިއްސާ ކުރަން" އެ ބަޔާނުގައި ވެއެވެ.

ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށްޓަކައި އިޤްތިސާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާއި ދަރީންނާއި ބައްދަލުވުމަށް، އެޗްޕީއޭ އަދި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ކަންބޮޑުވުންވެސް އެހާމެ ބޮޑު ކަމަށް ޓީމުން ބުނެއެވެ.

"ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުއްވެރީންނަށްވެސް މަހަކު އެއްފަހަރު އާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭއިރު، މިފަދަ ހައްޤުތަކުން ރިސޯޓް މުވައްޒަފުން މަހުރޫކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެނައުމަށް ގޮވާލަން" ބަޔާނުގައި ވެއެވެ.

އެގޮތުން ރިސޯޓު މުވައްޒިފުންނަށް ލުއި ދިނުމަށްޓަކައި ރިސޯޓް މުވައްޒަފުން ނެގެޓިވް ނަތީޖާއަކާއި އެކު ކަރަންޓީން ވާންޖެހޭ މުއްދަތު ކުޑަކުރެވިދާނެ ކަމަށާއި ނުވަތަ ނެގެޓިވް ނަތީޖާއަކާއި އެކު ކަނޑައެޅޭ އުސޫލަކާއި އެއްގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ދެވިދާނެކަމަށް ބުނެފައިވެއެވެ.

ނުވަތަ ރިސޯޓްގައި އާއިލާއާއި އެކު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދުވަސްކޮޅެއް ހޭދަކުރެވިދާނެ އުސޫލެއްވެސް ކަނޑައެޅިދާނެ ކަމަށާއި މިނޫނަސް ރައްކާތެރި ގޮތަކަށް މިހާރަށް ވުރެ ފަސޭހައިން އާއިލާއާއި އަނބި ދަރީންނާއި ބައްދަލު ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.