Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ދެވަނަ ފަހަރަށް ޓްރަމްޕް އިމްޕީޗުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗު (މަގާމުން ދުރުކުރުން) ކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓެޓިވް އިން މިރޭ ފާސްކޮށްފިއެވެ.

ޓްރަމްޕް ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކް ޕާޓީން ފަށާފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްގެ ޖަލްސާ އަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ. އެގޮތުން އެ ހަމަނުޖެހުމަށް ޓްރަމްޕް ހިތްވަރު ދެއްވާފައިވާ ކަމަށް ޑިމޮކްރެޓިކް ޕާޓީން ތުހުމަތު ކުރެއެވެ.

ޓްރަމްޕް އިމްޕީޗު ކުރަން މިރޭ ކޮންގްރެސްގައި ނެގުނު ވޯޓުގައި، އޭނާ މަގާމުން ދުރުކުރަން 232 މެމްބަރުން ވޯޓު ދެއްވިއެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ. ޓްރަމްޕް އިމްޕީޗު ކުރަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރަކު ވެސް ވޯޓު ދެއްވިއެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު ދެ ފަހަރެއްގެ މަތީން އިމްޕީޗު ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ކޮންގްރެސް އިން ޓްރަމްޕް އިމްޕީޗު ކުރަން ފާސްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެފަހަރު ޓްރަމްޕާއި ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ކޮންގްރެސް އިން ޓްރަމްޕް އިމްޕީޗު ކުރަން ފާސްކުރި ނަމަވެސް އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރެވޭނީ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ސެނެޓުގައި ހިންގާ ޝަރީއަތުގައި ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. މީގެކުރިން ވެސް ޓްރަމްޕް ވަނީ ސެނެޓުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވެ ވަޑައިގެންފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު ނަތީޖާ ގަބޫލުކުރައްވަން އޭނާ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް ބަލިކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑެން އެވެ. ބައިޑެން ރައީސްކަމުގެ ހުވާ ކުރައްވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.