Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ސުޕަރ ކަޕްގެ ފައިނަލަށް ބާސާ ދަތުރުކޮށްފި

ޕެނަލްޓީގައި 3-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައިނުވާއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިންނެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓްގައި މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ފްރެންކީ ޑޮ ޔޮންގްއެވެ.

ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އޮޔާޒަބަލް ވަނީ ސޮސިއެޑާޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 90 މިނެޓް ކުޅެ ނިމުނުއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ.

އެގޮތުން 15 މިނެޓްގެ ދެވަނަ ހާފްގައި ސޮސިއެޑާޑަށް ވަނީ މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާސާގެ ކީޕަރު ސްޓޭގަންއެވެ.

15 މިނެޓްގެ ދެ ހާފް ކުޅެ ނިމުނުއިރު ވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. ބާސާގެ ގްރިޒްމަން އަދި ޑި ޔޮންގް ފޮނުވާލި ޕެނަލްޓީތައް ބޭރަށް ދިޔައިރު، މެޗުން މޮޅުވި ޕެނަލްޓީ ބާސާ އަށް ކާމިޔާބުކޮށްދިނީ 21 އަހަރުގެ ރިކީ ޕޫޖްއެވެ.

ފައިނަލްގައި ބާސާ ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ ބިލްބާއޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.