Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ސްނެޕްޗެޓުން ވެސް ޓްރަމްޕް ދާއިމަށް ސަސްޕެންޑް ކުރަނީ

މަޝްހޫރު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓުން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާއިމަށް ސަސްޕެންޑް ކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ގެއްލުންތަކެއް ދިނުމާއި ގުޅިގެން ސްނެޕްޗެޓުން ވަނީ ޓްރަމްޕްގެ އެކައުންޓް މުއްދަތެއް ނެތް ގޮތަށް ލޮކްކޮށްފައެވެ. ޓްރަމްޕް ވަނީ އިންތިހާބުގެ ނަތީޖާ ކޮންގްރެސް އިން ބަލައިގަތުމާ ދެކޮޅަށް ބޭއްވި އެ އެއްވުމަށް ސޯޝަލް މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހިތްވަރު ދެއްވާފައެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ދާއިމަށް ސަސްޕެންޑް ކުރަން ސްނެޕްޗެޓުން އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ޓްރަމްޕްގެ އެކައުންޓް މެދުވެރިކޮށް ދޮގު މައުލޫމާތާއި އާއްމުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ ފުރުސަތު މުސްތަގުބަލުގައި ވެސް އޮންނާތީ އަޅާ ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްނެޕްޗެޓުން މިފަދަ ފިޔަވަޅެއް އަޅަން ތައްޔާރުވަމުން އަންނައިރު ޓްވިޓާ އިން ވަނީ ދާއިމަށް ޓްރަމްޕް ސަސްޕެންޑްކޮށްފައެވެ. އަދި ބައެއް އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ވަނީ ޓްރަމްޕް ވަކި މުއްދަތަކަށް ސަސްޕެންޑު ކޮށްފައެވެ.

ޓްރަމްޕްގެ ވެރިކަމުގެ ދައުރު މި މަހުގެ 20 ވަނަ ދުވަހު ނިމުމަކަށް އަންނައިރު، އެ ދުވަހު އެމެރިކާގެ އާ ރައީސްކަމުގެ ހުވާ ޖޯ ބައިޑެން ކުރައްވާނެއެވެ. ޓްރަމްޕް ވަނީ ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއެކު ބަދަލުކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ.