Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު ދިވެހި ސިފައިން

ސައުދީން އުފައްދާފައިވާ ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރާއްޖޭގެ 4 ސިފައިން

ފޮޓޯ: ޑިފެންސް މިނިސްޓްރީ

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރިވުމަށްޓަކައި ސައުދީ އަރަބިއްޔާއަށްދާ ސިފައިންނާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ބައްދަލުކުރައްވައިފި އެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރުމަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުޙައްމަދު މުޚުތާރާއި، މޭޖަރ މުޙައްމަދު ޞާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާޙް ޙުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުޙައްމަދު މުޚުތާރު ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިޓީމުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ ސެންޓަރުގައި އެއް އަހަރު ދުވަހު މަސައްކަތްކުރާނެ ކަމަށާއި، ސައުދީގައި ތިބުމުގެ ހަރަދު ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަރުކާރުން ކަމަށް މައުލޫމާތުދީފައިވެ އެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.