ފުލުހުންނަށް ފޯނު ދިނުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދެކޮޅު ހައްދަވައިފިއެވެ.
މުންދު މިކަމަށް ދެކޮޅު ހެއްދެވީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްގެން ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގެ ތަހުގީގަށް މިއަދު ފުލުހަށް ހާޒިރުކުރުމުންނެވެ.
ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ސަރުކާރުގެ އިދާރާއަކުން އެއްވެސް އެއްޗެއް އެއީ ގަލަމެއް ވިޔަސް ވަގަށް ނަގާފައި ނޯންނާނެ ކަމަށާއި އެހެންކަމުން ފިނޭންސް މިނިސްޓްރީން ސިޓީއެއް ނަގަންޖެހޭ ހާލަތެއް ނާންނާނެ ކަމަށެވެ.
އަދި މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާ އަށް ގުޅައި ފޯނު ދިނުމަށް އެދުނު ކަމަށާއި މިއަދު ފުލުހަށް ހާޒިރުވުމުން ވެސް ފޯނު ދޭން ފުލުހުން އެދުނު ކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނޫނީ ފޯނު ނުދޭނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް މުންދު ވިދާޅުވިއެވެ.
"ސަބަބަކީ އޭގައި ހުންނާނެ އަޅުގަނޑުގެ ޕާރސަނަލް މައުލޫމާތުގެ އިތުރުން އިދިކޮޅު ކޯލިޝަނުގެ ސިއްރު ސިޔާސީ މައުލޫމާތު. ކުރިއަށް ބޯމަތިވެފައި މިއޮތީ އިންތިހާބެކޭ. އެ އިންތިހާބާއި ގުޅޭ މުހިއްމު މައުލޫމާތުތައް ވެސް ހުންނާނެއޭ. އެހެންވީމަ އަޅުގަނޑުމެންގެ ޕާޓީގެ ސިއްރުތަކާއި، މުހިއްމު ރޭވުންތަކާއި، މައުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކަށް ނާރުވާނަމޭ" މުންދު ވިދާޅުވިއެވެ.
މުންދު ވަނީ އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ދުވާލަކު ހަތަރު ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް ވަރިހަމަ ކަމަށާއި ކުރަންޖެހޭ މަސައްކަތް ސާބިތުކަމާއެކު ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް ތިލަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހުރިހާ ވަގުތެއްގައި ފަސްޖެހުމެއް ނެތި ތިލަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.