ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ނަން ބާތިލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އީސީން ބުނީ ނަން ބާތިލުކޮށްފައިވަނީ ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ޙަސަން މޫސާގެ ކެންޑިޑެސީ ކަމަށެވެ.
ހަސަން މޫސާގެ ކެންޑިޑެސީ ބާތިލުކުރީ ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަނުވާކަމަށް ކޮމިޝަނަށް ސާބިތުވާތީ ކަމަށް އީސީން ބުނެއެވެ.
"ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި 2021 ޖެނުއަރީ 13 ގައި މި ކޮމިޝަނުން ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ވަނީ ބާޠިލު ކޮށްފައި" އީސީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެ އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ.
އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. އެ ގާނޫނު ބުނާ ގޮތުން، އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިންނެވެ.
ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މިއަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކުރުމުން އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މިހާރު މަސައްކަތް ކުރަނީ ގާނޫނަށް އިސްލާހު ގެނެސްގެން މިއަހަރުގެ އޭޕްރީލްގައި އިންތިހާބު ބޭއްވުމަށެވެ.