Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޗީފް އޮމްބަޑްސްޕަރސަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސް އޮފީސް : ފޮޓޯ: ސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އާއި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފް އެވެ. އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ.

މި ތިން ބޭފުޅުން އެ މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީންނެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަޤާމުތަކެއް އޭނާ ފުރުއްވާފައިވެއެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައި.އެމް.އޯ. އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަޤާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތަޢުލީމީ ދާއިރާގެ މަޤާމުތައް އަދާކުރައްވާފައެވެ. މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.