Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މީޑިއާ ކައުންސިލާއި ބްރޮޑްކޮމް އުވާލަން މަޝްވަރާކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި ނުވަތަ އެއްކޮށްލުމަށްފަހު އާ މުވައްސަސާއެއް އުފެއްދުމަށްޓަކައި ސަރުކާރުން ހުށަހަޅާ ބިލާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާއި މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މީގެއިތުރުން އެ ބައްދަލުވުމުގައި މީޑީއާ ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމާއި، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި މީޑިއާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ބަދަލުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި އަލަށް އުފައްދާ މުވައްސަސާ އެކުލަވާލުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހިޔާލާއި ދައުރު ހިމެނުމަށާއި، ނޫސްވެރިންނަށް ބޭރުގެ ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް ވަނީ އެދިފައެވެ.

އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަމާއި މުވައްޒަފުން ހޯދުމަށް ހުރި ދަތިތަކަށް ހައްލުހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ދެއްވާފައެވެ.

މީގެއިތުރުން، ރާއްޖޭގެ މީޑީއާތައް މިހާރަށްވުރެ ޒިންމާދާރުކޮށް ހަމަމަގަށް އެޅުވުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށްވާތީ އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.