Last Updated: April 24, 21:06
Wednesday, April 24, 2024
ރިޕޯޓް

ފަނޑިޔާރުގެޔަށް އުނދުޅިބާނައިގެން ގާއިމުކުރެވޭނެ އިންސާފެއް ނޯންނާނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

އަހަރެމެން މިތިބީ ގާނޫނުއަސާސީއަކަށް ތަބާވެގެންނެވެ. އޭގެދަށުން ކޮންމެ މީހަކަށްވެސް ލިބޭންވީ ހިމާޔަތާއި ހައްގުތަކުގެ އިން ކަނޑައަޅައި ގާނޫނުތައް މާނަކުރަނީ ފަނޑިޔާރުގެއިންނެވެ. ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމާއި އިޚުތިޔާރާއި ހިމާޔަތުގެ އިންތައް ކަނޑައަޅައި އަހަރެމެންގެ ފަރުދީ މިނިވަންކަމާއި މުދަލުގެ ރައްކާތެރިކަންވެސް ކަށަވަރުކޮށްދެނީ ފަނޑިޔާރުގެއިންނެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުގެޔާމެދު ވިސްނައިލީމާ ބުނަންޖެހޭ ވާހަކަޔަކީ އެއްކަލަ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމާއި ހިމާޔަތާއި ހައްގުތައް ފަނޑިޔާރުގެއިން ތަރުޖަމާކޮށް ނިމޭއިރު އެކި ހާލަތުގައި އެކިމީހުންނަށް ލިބޭ މިންވަރު ވަރަށް ބޮޑަށް ތަފާތުވާކަމުގައެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭނެޔޭ ބުނެފައިއޮތަސް ގާނޫނުގެ ކުރިމަތީގައި އެކިމީހުން ވަނީ އެކިވަރެވެ. މިއީ ހަގީގަތެކެވެ.

މިހެން މިވަނީ ކީއްވެގެންބާވައެވެ. މިހެންމިވަނީ ވެރިކަންކުރަން އޭރަކު ތިބޭ ބައެއްގެ ދަހިވެތިކަމާއި ވިޔާނުދާކަން ބޮޑުކަމުންނެވެ. ފަނޑިޔާރުގެ މިނިވަންކުރުމުގެ ބަދަލުގައި ފަނޑިޔާރުގެޔަށް އުނދުޅިބޭނުން ގިނަކަމުންނެވެ. މިއީ ވަކިދުވަސްވަރެއްގައި ވަކިބަޔަކަށް އެކަނި ޚާއްސަ ކަމެއް ނޫނެވެ. ފަނޑިޔާރުގެޔަށް ނުފޫޒުފޯރުވައި އަތްދަށުލައިގެން ނޫނީ އެއްވެސް ސަރުކާރަކަށް ވެރިކަން ނުކުރެވެނީއެވެ. ޔާމީނަކަސް ނަޝީދަކަސް މައުމޫނަކަސް ސާލިހަކަސް ކަންތައްކުރުން އޮތީ އެއްމަގަކުން އެއްބައްޓަމަކަށެވެ. ކޮންމެބަޔެއްގެވެސް ވައުދަކީ އިންސާފު ގާއިމުކުރުމުގެ ވައުދެވެ. އެކަމަކު ގާއިމުކުރަނީ އެބައެއްގެ އަމިއްލަ އިންސާފެވެ.

ބޭރުގެ ވަރަށް މަޝްހޫރު ފިލޯސަފަރަކު ވިދާޅުވެފައިވެއެވެ. ފަނޑިޔާރުގެ އަތްދަށުލާން ސަރުކާރަކުން އުޅެންޏާ އެސަރުކާރެއްގެ އޮންނާނީ ދެ ބޭނުމެކެވެ. އެއްބޭނުމަކީ ހަތުރުންނަށް އެކިވަރުވަރުގެ ނިޔާތައް އިއްވައި ހުރަގެޔަށްލައި އަދަބުދިނުމެވެ. އަނެއް ބޭނުމަކީ މިތުރުންނަށް ދައުލަތުގެ މުއްސަނދިކަން ބަހާލައި މިތުރުންގެ ޖީބުތަކަށް ގާނޫނީ ހިމާޔަތް ދިނުމެވެ. މި ދެބޭނުން ފުދެންޏާ ތިންވަނަ ބޭނުމެއްވެސް އޮޓޮމެޓިކުން އޮންނާނީ ފުދިފައެވެ. އެއީ ސަރުކާރު ހިމާޔަތްވެފައިވާ ކަމުގެ ހިތްހަމަޖެހުން ލިބުމެވެ. މިރާއްޖޭގައި ކަންކަން ކުރެވެމުންދާ އުސޫލަށް ރިއާޔަތްކުރާއިރު މިއީ ވަރަށްބޮޑު ތެދެކޭ ހީވެއެވެ. ކޮންމެ ސަރުކާރަކުންވެސް ފަނޑިޔާރުގެ ބޭނުންކުރަނީ މަތީގައި ބަޔާންކުރެވުނު ބޭނުންތަކުގައެވެ.

މިވާހަކަ މިހިސާބަށް ގެންދިޔައީމާ ބައެއް މީހުން ސުވާލުކުރުން އެކަށީގެންވެއެވެ. މިކަލޭގެ މިއަދު މިކިޔަނީ ކީކޭބާވައެވެ. ނުވަތަ ކިޔާން މިއުޅެނީ ކީކޭބާވައެވެ. ބަލަގަ ފަނޑިޔާރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. އެއީ ގާނޫނުއަސާސީން އެކަމަށް މަތިކޮށްފައިވާ މިނިވަން މުސްތަގިއްލު މުވައްސަސާތަކުން ކުރާ ކަމެކެވެ. ވަކި އިޖުރާއަތްތަކެއްގެ ދަށުން ވަކިއުސޫލުތަކެއް ހަމަޖެހިގެން ކުރާ ކަމެކެވެ. ތެދެކެވެ. ފަނޑިޔާރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. އެކަމަކު އެފަނޑިޔާރުން އައްޔަންކޮށް ބާރުވެރިކުރުވައި ފަނޑިޔާރުންނަށް ފާރަވެރިވެ މަގުން ކައްސައިލީމާ ތަހުގީގުކޮށް މަގާމުންވަކިކޮށް ކަންކަންކުރާން އެތިބީ ކޮންބައެއްބާވައެވެ. ޖޫޑިޝަލް ސާރވިސަސް ކޮމިޝަނޭ އެކިޔޭ މުވައްސަސާގައި ތިބީ ކޮންބައެއް ބާވައެވެ. އެމީހުންގެ ނަޒާހަތްތެރިކަން އޮތީ ކިހައިހިސާބެއްގައި ބާވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ތެރެއިން އަދިވެސް އިތުރު ދެތިން ސިޔާސީ މީހަކާއި އެމީހުންގެ ވާގިވެރިންގެ ތެރެއިން ބަޔަކާއި ހީހޫތަނުން ކާން އާދަވެފައިތިބޭ ބަޔެއްގެ މައްޗަށް އެކުލެވޭ ކޮމިޝަނެއްގެ ނަޒާހަތްތެރިކަން އޮންނާނެގޮތް އޮތީ ހީކޮށްލުމެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން މަގާމުން ދުރުކުރެވުނު ފަނޑިޔާރުންނާއި އެމީހުން ވަކިކުރެވުނު ސަބަބާއި އުފުލުނު ދައުވާޔާއި ކަންކުރާ ގޮތަށް ބެލީމާ ބޮޑުމަންޒަރު ފެންނާނެއެވެ. ކުރަނީ ކީއްކަމާއި ކުރާންއުޅެނީ ކީއްކަންވެސް މޭރުންވާނެއެވެ. އާނއެކެވެ. ޖޫޑިޝަލް ސާރވިސް ކޮމިޝަނުން އެކުރަނީ ސިޔާސީ މަސައްކަތެކެވެ. އެއީ ފަނޑިޔާރުގެ އިސްލާހުކުރުމެއް ނޫނެވެ. އިސްލާހުކުރުމުގެ ބަދަލުގައި އެކުރަނީ ގަޑުބަޑެވެ. އެކަމަށް ބާރުދެނީ ސިޔާސީ މީހުންނެވެ. މަޖިލީހުގެ ތެރެއިންނެވެ.

ސިޔާސީ މީހުންގެ މަގާމަށް މުއްދަތެއް އޮވެއެވެ. ދައުރެއް އޮވެއެވެ. އެކަމަކު ފަނޑިޔާރުންނަކީ އެގޮތަށް ދައުރެއް ކަނޑައެޅިފައިވާ ބައެއް ނޫނެވެ. އެހެންކަމަށްވިޔަސް މިރާއްޖޭގެ ސުޕީރިއަރ ކޯޓުތަކުގެ ބެންޗު ކޮންމެ ސަރުކާރަކާއެކު މިދަނީ ބަދަލުވަމުންނެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ބެންޗުވެސް ހިމެނޭގޮތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ލިބުނީމާ އެވީ ފަނޑިޔާރުގެ ދޮވެލައި ސާފުކޮށްލާށެވެ. ތިމާމެންގެ އެދުންތަކާ އެއްގޮތަށް ނިޔާއިއްވާނޭ މީހުން ވައްދާށެވެ. އަމަލުކުރެވެމުންދަނީ މިއުސޫލުންނެވެ. ޔާމީނުގެ ދައުރުގައިވެސް އެހެންނެވެ. ސާލިހުގެ ދައުރުގައިވެސް އެހެންނެވެ. ބަދަލުވަނީ މީހުންނެވެ. ކަންއެއްގޮތެވެ.

މިމަގުން ކަންކަންކުރީމާ މިރާއްޖޭގައި ގާއިމުވެފައިވާ އިންސާފުގެ ގޮތާއި ބާވަތް އެންމެނަށްވެސް މިހިރަގެން ފެންނަނީއެވެ. ބަދަލު ނަގައިދެނީ ސަރުކާރުގެ ބައިވެރީންނަށެވެ. ދައުލަތުގެ ބަޖެޓް ހުސްވެ ޚަޒާނާ ހުސްވެ މަކުނުވާ ޖަހާފައި އެހެރީ މިތުރުންނަށް ބަދަލު ނަގައިދީދީއެވެ. އަދަބުދިނުން ހުރީ ހަތުރުންނަށެވެ. ސިޔާސީގޮތުން ދެކޮޅުވެރީންނަށެވެ. ކޯޓަކުން ނިޔާއެއް އިއްވީމާ ދައުލަތުން އިސްތިއުނާފުކުރަނީވެސް ސިޔާސީ ވިސްނުމުން ވިސްނައިފައެވެ. އެތައްސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލަވެސް ނުބަލައި ދޫކޮށްލަނީއެވެ. އިސްތިއުނާފުކުރަންވެސް ބޭނުން ނުވަނީއެވެ. ސިޔާސީ ހަތުރެއްނަމަ ޕާސްޕޯޓުގަޑު ހިފެހެއްޓުންވެސް އިސްތިއުނާފުކުރަނީއެވެ. ދެންވެސް ބުނާނެއެވެ. އިންސާފަކީ މިއީއެވެ.

ނޫނެކެވެ. ތިޔައީ އިންސާފެއް ނޫނެވެ. ތިޔައީ ބޭއިންސާފެވެ. ތިޔައީ އަނިޔާއެވެ. ތިޔަކަމުން ގައުމުގައި އުފެދެނީ ޒަޚަމެވެ. ގައުމު ވަނީ ބަރުބާދެވެ. އަދުލުއިންސާފަކީ ގައުމެއްގެ ދުޅަހެޔޮކަމުގެ ބިންގަލެވެ. އިންސާފު ގާއިމުނުކުރެވޭ ތަނެއްގައި ހަމަޖެހުމެއް ނޯންނާނެއެވެ. ވެރީންނަށް އިތުބާރެއްވެސް ނުކުރެވޭނެއެވެ. އިންސާފު ގާއިމުކުރުމުގައި އެކިމީހުންނަށް އެކިވަރު ލިބިދެވެންޏާ ދުވަހަކުވެސް އިތުބާރެއް ނުލިބޭނެއެވެ. ފަނޑިޔާރުގެޔަށް އުނދުޅި ބޭނުން ހުއްޓާނުލާހައި ދުވަހަކު ފަނޑިޔާރުގެ މިނިވަނެއްވެސް ނުވާނެއެވެ. ފަނޑިޔާރުގެ މިނިވަންނުވާހައި ދުވަހަކު ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރެއްވެސް ނުވާނެއެވެ.