Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު ވައްކަން ކުރުން

ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ހުޅުމާލެއިން 4 މީހުން ހައްޔަރު ކޮށްފި

ފޮޓޯ: ޕޮލިސްލައިފް

14 ޖަނަވަރީ 2021 ވަނަ ދުވަހު ހުޅުމާލޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ވަގަށް ނަގާފައިވާ ތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މި 4 މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލޭގައި ވަގަށް ނަގާ ކަރަންޓް ސާމާނާއި، މޯބައިލް ފޯން ފަދަތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 2 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުން ހިމެނެއެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ޒުވާނުންނެވެ. އަދި ބަންގްލަދޭޝް ދެމީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރާއި 35 އަހަރުގެ ދެ މީހުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް އެގޭ ތެރެއިން ކަމަށާއި އަދި އެގެ ބަލައި ފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 10 މޯބައިލް ފޯނާއި މަކީޓަރ ބްރޭންޑްގެ ކަޓްއޮފަކާއި ޑިގްރީ ކީހަކާއި ލެޕްޓޮޕަކާއި ސްޕީކަރެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި އަދި ބަންގަލަދޭޝް ގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.