Last Updated: April 20, 14:10
Saturday, April 20, 2024
ދުނިޔެ

15 އަހަރު ފަހުން ފަލަސްތީނުގައި އިންތިހާބު އިއުލާނުކޮށްފި

ފަލަސްތީނުގައި މި އަހަރު ރިޔާސީ އިންތިހާބާއި ޤާނޫނުހަދާ މަޖިލީހުގެ އިންތިހާބު ބާއްވާނެކަން އެ ޤައުމުގެ ރައީސް މަހުމޫދް އައްބާސް އިއުލާނު ކުރައްވައިފި އެވެ.

ފަލަސްތީނުގެ ރައީސްގެ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރު ދެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާނެ ފުރަތަމަ އިންތިހާބެވެ. މިއާއި އެކު ފަލަސްތީންގެ ސިޔާސީ މަޝްރަހުގައި ނުތަނަވަސްކަން އުފެދިފައިވާއިރު އިންތިހާބުތައް ބޭއްވިދާނެތޯ ބައެއްފަރާތްތަކުން އަންނަނީ ސުވާލުއުފައްދަމުންނެވެ.

މިހާރު ނިންމާފައިއޮތީ ޤާނޫނުހަދާ މަޖިލީހުގެ އިންތިހާބު މެއި 22 ގައި އަދި ރިޔާސީ އިންތިހާބު ޖުލައި 31 ގައި ބެއްވުމަށެވެ.

ފަލަސްތީނުގައި އިންތިހާބު ބޭއްވުމަށް ނިންމި ނިންމުމަށް ހަމާސްއިން މަރުހަބާ ކިޔާފައިވާއިރު މިއީ ފަލަސްތީނުގެ ހަމަޖެހުމަށް މުހިންމު ނިންމުމެއްކަމަށް ބައެއް ފަރާތްތަކުންދެއެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ރައީސްގެ މި ނިންމުމަކީ އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ރުއްސުމުގެ ގޮތުން އަދި ފަލަސްތީނާއި އެމެރިކާގެ ހީނަރުވެފައިވާ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމުގެ ގޮތުން ނިންމި ނިމުމެކެވެ.

މި އަހަރު އިންތިހާބު ބޭއްވުމަށް އިއުލާނު ކޮށްފައިވާއިރު، ނިމުނު ޑިސެމްބަރު މަހު ފަލަސްތީންގެ ސެންޓަރ ފޮރ ޕޮލިސީ އެންޑް ސަރވޭގެ ރިސާޗުން ދެއްކި ގޮތުގައި ފަލަސްތީން ރައްޔިތުންގެ 52 އިންސައްތަ މީހުން ދެކޭގޮތުގައި މިހާރު އޮތް ހާލަތުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނެކަމަށް ނުދެކެ އެވެ.