Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ހާރިޖީ ސިޔާސަތު ނީލަމަށް، ވެސްޓަރން ސަހާރާ ފެންނަގޮތް މިހާރު ތަފާތު!

ވެސްޓަރން ސަހާރާ ނުވަތަ ދިވެހީން ކިޔާގޮތަށް ހުޅަގު ސަހަރާޔާމެދު ދިވެހިރާއްޖޭގެ ވަޒީރަކު ހުސްވި ހަފުތާގައި ވިދާޅުވިކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ވާހަކައެއް ފެނިފައި ހިސާބެއްގެ ސިހުމެއް ލިބިއްޖެއެވެ. ވަޒީރު ވިދާޅުވިކަމަށް ނޫސްތަކުގައި ލިޔެފައިވެއެވެ. ވެސްޓަރން ސަހާރާއަކީ މޮރޮކޯގެ ބައެއްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރެއެވެ. އެއީ މޮރޮކޯގެ އިހުތިސާސްގެ ދަށުގައިވާ ސަރަހައްދެއްކަމަށްވެސް ރާއްޖެއިން ގަބޫލުކުރެއެވެ. ވެސްޓަރން ސަހާރާގެ މައްސަލަ ހައްލުކުރުމަށްޓަކައި މަޝްވަރާކޮށްގެން ސުލްހަވެރި އެއްބަސްވުމަކަށް އައުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.

ވެސްޓަރން ސަހާރާޔަކީ މޮރޮކޯގެ ބައެއްކަމަށާއި އެތަނުގެ މައްޗަށްއޮތީ މޮރޮކޯގެ އިހުތިސާސްކަމަށް ގަބޫލުކުރުމުގެ މާނަޔަކީ ވެސްޓަރން ސަހާރާގެ މައްޗަށް އޮތީ މޮރޮކޯގެ ސިޔާދަތީ ހައްގުކަމަށް ގަބޫލުކުރުމެވެ. އެވަރުގެ ގަބޫލުލުކުރުމަކާއި ޔަގީންކަމެއް ރާއްޖެއިން ފާޅުކުރީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮން އަސާސަކަށް ރިއާޔަތްކޮށްފައި ބާވައެވެ. މިއީ އަޅުގަޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. ވެސްޓަރން ސަހާރާގެ މައްސަލަޔަކީ ހައްލުނުވެ ދިގުލައިގެންދާ ބައިނަލްއަގުވާމީ މައްސަލައެކެވެ. އެއްކޮޅުގައި އޮތީ އަސްކަރީ ބާރު ބޭނުންކޮށްގެން ވެސްޓަރން ސަހާރާ ހިފައިގެން އޮތް މޮރޮކޯއެވެ. އަނެއްކޮޅުގައި ތިބީ އަމިއްލަ މުސްތަގުބަލް ކަޑައެޅުމުގެ ހައްގަށް ވަކާލާތު ކުރަމުންދާ ވެސްޓަރން ސަހާރާގެ ރައްޔިތުންނާއި އެމީހުންގެ ހައްގުތަކަށް އިއުތިރާފުވެގެން ތާއީދުކޮށްގެން ތިބި އަވަށްޓެރިންނެވެ. އަލްޖީރިޔާއާއި މޮރިޓޭނިޔާއެވެ.

ވެސްޓަރން ސަހާރާގައި ތިބީ މުސްލިމުންނެވެ. މޮރޮކޯއަކީވެސް އިސްލާމީ ގައުމެކެވެ. އަލްޖީރިޔާއާއި މޮރިޓޭނިޔާވެސްމެއެވެ. އެހެންވީމާ އިސްލާމީ އަޚުވަންތަކަމާއި ހަމްދަރުދީގެ ތެރެއިން ވަކިބަޔަކު އިޚުތިޔާރު ކުރުމުގެ ޖާގައެއްނެތެވެ. ދެންއޮތީ މައްސަލައިގެ ފެށުމާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ރައުޔަށް ބެލުމެވެ. މިކަންކަމަށް ބެލީމާވެސް މޮރޮކޯގެ ސިޔާދަތީ ހައްގު ވެސްޓަރން ސަހާރާގެ މައްޗަށް އެބައޮތޭ ބުނެ ނިޔާއިއްވަން ފުރުސަތެެއް ނެތެވެ. އަދި ދިވެހި ދައުލަތުގެ ޚާރިޖީ ސިޔާސަތު އަތުރާލެވިފައިވާ އަސާސްތަކަށް ރިއާޔަތްކޮށްގެންވެސް އެފުރުސަތެއް ނެތެވެ. ވަރަށް ބޮޑަށް ސިހިއްޖެޔޭ މިދެންނެވީ އެހެންވެގެންނެވެ.

ވެސްޓަރން ސަހާރާއަކީ ކޮބައިބާވައެވެ. އެއީ މޮރޮކޯއާއި މޮރިޓޭނިޔާއާ ދެމެދުން އެޓްލާންޓިކް ކަނޑުގެ އައްސޭރީގައިވާ ވަރަށް ބޮޑު ސަރަހައްދެކެވެ. ކުރިން އޮތީ ސްޕޭނުގެ އިސްތިއުމާރުގެ ދަށުގައެވެ. ސްޕޭނުން އެތަންދޫކޮށްފައި 1975 ވަނަ އަހަރު ފޭބީމާ މޮރޮކޯއިން އަތްގަދަ ކުރީއެވެ. މޮރޮކޯގެ ވެރިކަން ގަބޫލުނުކޮށް ވެސްޓަރން ސަހާރާ މިނިވަންކުރުމަށް ނޫނީ އެތާގެ ރައްޔިތުންނަށް ގޮތެއް ނިންމުމުގެ ބާރު ލިބިދިނުމަށްޓަކައި ހަގުރާމަކުރަމުންދަނީ ޕޮލިސާރިއޯ ފްރަންޓޭ ކިޔުނު ޖަމާއަތަކުންނެވެ. އެ ޖަމާއަތަށް މައިގަޑުގޮތެއްގައި އެހީތެރިވަނީ އަލްޖީރިޔާފަދަ އަވަށްޓެރި ގައުމުތަކުންނެވެ. މިމައްސަލައިގައި އދ އާއި އަރަބިލީގާއި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީއާއި އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ޖަމާއަތުން ސިޔާސަތުތަކެއް ވަނީ އެކަށައަޅައިފައެވެ.

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީން މިމައްސަލައިގައި އެކަށައަޅާފައިވާ ސިޔާސަތަކީ ވެސްޓަރން ސަހާރާގެ ރައްޔިތުންގެ ކުރިމަގު ކަނޑައެޅުމުގެ ހައްގު އެތާގެ ރައްޔިތުންނަށް ދިނުމާއެކު ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން މަޝްވަރާކޮށްގެން ހައްލުހޯދުމެވެ. ވެސްޓަރން ސަހާރާއަކީ ވަކިބައެއްގެ އިހުތިސާސާއި ސިޔާދަތީ ހައްގު އޮތްތަނެއްކަމަށް އޯއައިސީއަކުން ނުނިންމައެވެ. އޯއައިސީގެ ބޮޑު ފިކުރަކީ ވެސްޓަރން ސަހާރާގެ ރައްޔިތުންނެވެ. ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ ރަސްމީ ސިޔާސަތަކީވެސް މިއީއެވެ. ބާރުއަޅާފައިވަނީ އދ ގެ ޗާޓަރާއި އދގެ އާއްމު މަޖިލީހުގެ 1514 ވަނަ ގަރާރާއެއްގޮތަށް ވެސްޓަރން ސަހާރާގެ ރައްޔިތުންނަށް ފެންނަގޮތެއް އިޚުތިޔާރުކުރުމަށެވެ.

އަރަބި ލީގަކީ މޮރޮކޯ ފަދައިން އަލްޖީރިޔާއާއި މޮރޮކޯވެސް ހިމެނޭ ޖަމާއަތެކެވެ. އަރަބިލީގަކުންވެސް ވެސްޓަރން ސަހާރާއަކީ މުތުލަގަށް މޮރޮކޯގެ ސަރަހައްދެކޭ އެތަނުގެ މައްޗަށް ހިނގާންވާނީ މޮރޮކޯގެ އިހުތިސާސެކޭ ނުބުނެއެވެ. އެޖަމާއަތުން ބުނަނީ އެންމެންވެސް އަނެއްބައެއްގެ ހައްގުތަކާއި އިހުތިސާސަށް އިހުތިރާމްކުރަންވާނޭ ކަމުގައެވެ. އދ އިން މި މައްސަލާގައި ގަބޫލުކުރާ ހަމަ އެއޮތީ އާއްމު މަޖިލީހުގެ 1514 ވަނަ ގަރާރުން ފެންނާށެވެ. ގައުމުތަކަށް މިނިވަންކަން ދިނުމާއި ގައުމިއްޔަތު އެކަށައެޅުމުގެ ޝަރުތުތައް ބަޔާންކުރަނީ އެގަރާރުގައެވެ. ޚުދު ދިވެހިރާއްޖެއަށްވެސް މިނިވަންކަން ލިބި އދ ގައި ބައިވެރިވުމުގެ ދޮރުހުޅުވައިދިނީ އެގަރާރެވެ.

ވެސްޓަރން ސަހާރާގެ މައްސަލައިގައި ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ފިކުރު އެހުރީ އދ ގެ ގަރާރާ އެއްގޮތަށެވެ. ވެސްޓަރން ސަހާރާގެ ރައްޔިތުންނަށް އެމީހުން ބޭނުންވާގޮތް ނިންމުމުގެ ފުރުސަތުދޭން ބާރުއަޅާގޮތަށެވެ. އެކަމަކު ދިވެހިރާއްޖެއިން މިހާރު މިބުނަނީ ނޫނެކޭ ނޫނެކޭ ވެސްޓަރން ސަހާރާގެ މައްޗަށް އޮތީ މޮރޮކޯގެ ސިޔާދަތީ ހައްގު ކަމުގައެވެ. ރާއްޖެއިން އަބަދުވެސް ގަބޫލުކުރާގޮތަކީ އެއީކަމުގައެވެ. މިއީ އަޅުގަޑަށް ގަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. އެގޮތް ރާއްޖެއިން ގަބޫލުކުރިކަމަށްވަންޏާ އެކަމެއް އައީ އިހަށް ދުވަހުއެވެ. އިޒްރޭލުގެ ދައުލަތް މޮރޮކޯއިން ގަބޫލުކުރީމާ ހަދިޔާއެއްގެ ގޮތުން ވެސްޓަރން ސަހާރާއަކީ މޮރޮކޯގެ ތަނެއްކަމަށް އިޒްރޭލާއި އެމެރިކާއިންވެސް ގަބޫލުކޮށް އެހެން ގައުމުތަކަށްވެސް މިގޮތް މަޖްބޫރުކުރުމުގެ އޮއިވަރެއްގެ ތެރެއިންނެވެ.

އެމެރިކާގެ ބާރުއެޅުމުގެ މަތިން ސައުދީ އަރަބިޔާ އާއި އެމިރޭޓްސް އަދި މިސްރުވެސް އެއޮތީ މިހާރު ޑީލް ހަދައިގެން މިގޮތް އިޚުތިޔާރުކޮށްގެންނެވެ. ރާއްޖެއިން މިޒާތުގެ ވާހަކައެއް މިދެއްކީ ބައެއްގެ ނުފޫޒުންކަމަށް ވެދާނެއެވެ. ގަތަރާ ގުޅުން ކަނޑައިލީވެސް އެކަހަލަ ނުފޫޒެއްގެ ތެރެއިންނެވެ. އެހެންވީމާ މިއީ މުސްތަހީލުކަމެއްވެސް ނޫނެވެ. ވެސްޓަރން ސަހާރާގެ މައްސަލަޔަށް ހައްލެއް އަދި ނާންނަނީސް އެއީ މޮރޮކޯގެ ބައެއް ކަމަށް ގަބޫލުކުރުމަކީ ބަޔަކު ގަދަބާރުން ތަނެއް ހިފައިފިއްޔާ އެއީ އެބައެއްގެ ސިޔާދަތީ ހައްގު އޮތްތަނެއްކަމަށް ގަބޫލުކުރުމަށް އެޅޭ ބިންގަލެކެވެ. އެ އުސޫލުން ބަލައިފިއްޔާ ކަޝްމީރު ނިސްބަތްވަނީ އިންޑިޔާއަށެވެ. ފަލަސްތީނުގެ ބިންތައް އިޒްރޭލަށެވެ. މިއީ އަބަދުގެ ސިޔާސަތެކޭ ނުބުނާށެވެ. މިއީ އެހެން ޒާތެއްގެ ކަމެކެވެ.