Last Updated: April 20, 18:06
Saturday, April 20, 2024
ރިޕޯޓް

ކޮލަމް: ޓްރަމްޕުގެ ބަޣާވާތުން ދިވެހީންނަށް ބޮޑު ފިލާވަޅެއް!

މިއަދު ދައްކާން މިއުޅެނީ ވަރަށް އެހެންކަހަލަ ވާހަކައެކެވެ. ބަޣާވާތުގެ ވާހަކައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން މިމަހު ހަވަނަދުވަހު ހިންގާން އުޅުނު ބަޣާވާތުން ދިވެހީން ލިބިގަންނަންވީ ފިލާވަޅުގެ ވާހަކައެވެ. އެމެރިކާގައި 6 ޖެނުއަރީ 2021 ގައި ހިންގި ހަމަނުޖެހުމާއި ދިވެހިރާއްޖޭގައި 8 ފެބްރުއަރީ 2012 ގައި ހިންގި ހަމަނުޖެހުންތައް އެއްގޮތް ކަމުގެ ވާހަކައެވެ. ރައީސް ޓްރަމްޕު އުޅުއްވީ ބަޣާވާތެއް ކުރައްވަން ކަމަށް ރައީސް ނަޝީދުވެސް ވިދާޅުވިއެވެ. އެހެންވީމާ އެއީ ބަޣާވާތެއްކަމަށް ނިންމަމާ ބަހީއެވެ. ނަޝީދު އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައުޔުގައިވެސް އެއީ ބަޣާވާތެކެވެ.

ރައްޔިތުން ގޮތެއް ނިންމީމާ އެގޮތް ގަބޫލުނުކޮށް ކޯޓުތަކަށް ގޮންޖަހަމުން، ތަންތަނުގައި ހުޅުޖަހަމުން، ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެޔަށް ވަދެ މަޖިލީހުގެ ޖަލްސާ ހުއްޓުވައި އިންތިޚާބުގެ ނަތީޖާ ސައްހަނޫންކަމަށް ނިންމަން މަޖުބޫރު ކުރުމަކީ ބަޣާވާތްކުރުމެވެ. އެނޫންގޮތަކަށް ބެލޭނޭ ޖާގައެއްނެތެވެ. ހަމައެއްވެސް ނެތެވެ. އެކަމަކުވެސް އެއީ ބަޣާވާތެއް ނޫންކަމަށް ގަބޫލުކުރާ އެތައް މިލިޔަން ބަޔަކު އެބަތިއްބެވެ. އެއީ ރައީސް ޓްރަމްޕުގެ ސަޕޯޓަރުންނެވެ. ބަޣާވާތް ހިންގި މީހުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންނެވެ. އެވެރީންގެ ނަޒަރުގައި އެއީ ގައުމީ ޖިހާދެކެވެ. ގައުމުގެ ސަލާމަތާއި ކަރާމާތަށްޓަކައި ކުރުން ލާޒިމުކަމެކެވެ. އަދާކުރީ ގައުމީ ވާޖިބެކެވެ. ޑިމޮކްރަސީގެ ހައްގުގައެވެ.

މައްސަލައިގެ ފެށުމަކީ އެމެރިކާގައި ނޮވެމްބަރު ތިންވަނަ ދުވަހު ބޭއްވި އިންތިޚާބެވެ. އެ އިންތިޚާބުގައި ބޮޑުތަނުން ރައީސް ޓްރަމްޕު ބަލިވީއެވެ. ބަލި ގަބޫލުކުރާކަށް ޓްރަމްޕު ބޭނުމެއްނުވިއެވެ. ދެން ދައްކާންފެށީ އޮޅުވާލި ވޯޓާއި މަކަރު ހެދި އިންތިޚާބުގެ ވާހަކައެވެ. ކުރުނުކޮށް ދައްކަނީ އެވާހަކައެވެ. ކޯޓުތަކުންނާއި އިންތިޚާބާއިބެހޭ ވެރީންނާއި ގައުމުގެ ބަންޑާރަނާއިބާއި ސްޓޭޓްތަކުގެ ގަވަރުނަރުންނާއި މިހެންގޮސް ހުރިހާ މުވައްސަސާތަކުންވެސް ބުންޏެވެ. ތިޔައީ ދޮގެކެވެ. ވޯޓު އޮޅުވައެއް ނުލައެވެ. ވޯޓު ބަރާބަރެވެ. އިންތިޚާބު ވަރަށް އިންސާފުވެރިއެވެ. އެކަމަކުވެސް ޓްރަމްޕުގެ ސަޕޯޓަރުންނަށް މިވާހަކަ ގަބޫލެއް ނުކުރެވުނެވެ.

ޓްރަމްޕުގެ ސަަޕޯޓަރުން ގަބޫލުކުރާގޮތުގައި ސުޕްރީމް ކޯޓުންވެސް ހެދީ ދޮގެވެ. ބަންޑާރަނާއިބުވެސް ހެދީ ދޮގެވެ. އެންމެންވެސް ހަދަނީ ދޮގެވެ. ތެދުހަދަނީ ޓްރަމްޕު އެކަންޏެވެ. އެހެންވީމާ ގައުމާއި ޑިމޮކްރަސީގެ ހައްގުގައި ރައީސް ޓްރަމްޕުގެ އިލްތިމާސަށް އިޖާބަދިނުމަށްޓަކައި އެއްވީއެވެ. ގާނޫންހަދާ މަޖިލީހުގެ އިމާރާތްވެސް ހިފީއެވެ. ޓްރަމްޕަކީ ދޮގުވެރިއެއްކަން އެނގޭއިރުވެސް ސަޕޯޓަރުންގެ ވިސްނުމުގައި އެނޫނީ ތެދުވެރިޔަކު ނެތެވެ. ދެންތިބީ ޚާއިނުންނެވެ. މިދައްކަނީ އެމެރިކާގެ ވާހަކައެވެ. އެންމެ ކުރިއަރާފައިވާ ގައުމުގެ ވާހަކައެވެ. އެންމެ ހޭލުންތެރި ތޫނުފިލި ރައްޔިތުން ތިބި ގައުމުގެ ވާހަކައެވެ. ދުނިޔޭގެ އެންމެ ތަނަވަސް އެންމެ ބާރުގަދަ ގައުމުގެ ވާހަކައެވެ.

ޓްރަމްޕުގެ ބަސް ގަބޫލުކޮށް އޭނާއަށް އީމާންވެގެންތިބި އެންމެންނަކީ ނުކިޔަވާ ޖާހިލުންނެއްވެސް ނޫނެވެ. ސަހަރުތަކުގެ މޭޔަރުކަމާއި ސްޓޭޓްތަކުގެ ގަވަރުނަރުކަން ކޮށްފައިތިބި މީހުން ހިމެނުނެވެ. ސިފައިންގެ ތެރޭގައި އުޅެފައިތިބި މީހުންނާއި އެކިއެކި ކުޅިވަރުގައި ރަންމެޑެލް ހާސިލްކޮށް އެމެރިކާއަށް ރީތިނަން ހޯދާދީފައިވާ ގައުމީ ބަތޮލުންވެސް ހިމެނުނެވެ. ރޫޑީ ޖިއުލިއާނީ ފަދަ ފުންނާބުއުސް ތޫނުފިލި ކުޅަދާނަ ލޯޔަރުންވެސް ހިމެނުނެވެ. އަދިކިޔެެއްތަ ގާނޫނުހަދާ މަޖިލީހުގައި މިހާރުވެސް ތިބި ބައެއް މެންބަރުން ހިމެނުނެވެ. މިއެންމެންވެސް އެތިބީ ޓްރަމްޕުގެ ފަހަތުގައި އޭނާ އެންގި ކޮންމެ ކަމެއް ކުރާން ތައްޔާރަށެވެ. ނާއިބުރައީސް މައިކް ޕެންސް ދަންޖައްސައި ސްޕްރީމްކޯޓު އަންދައި މަޖިލީސްކުރާ އިމާރާތް މުގުރައިލަންވެސް ތައްޔާރަށެވެ.

މިފެންވަރުގެ މީހުން ޓްރަމްޕުގެ މަޅީގައި ޖެހުނުކަމީވެސް އަޖައިބެކެވެ. ޓްރަމްޕު ހަދަނީ ދޮގުކަން މޭރުންނުވާވަރުގެ ބަޔަކީއެއް ނޫނެވެ. މޮޅު މީހުންނެވެ. އެކަމަކު އެތިބީ ކަނުވެ ބީރުވެސްވެފައެވެ. ބަލަން ބޭނުންވަނީ އެއް މަންޒަރެވެ. އަޑުއަހަން ބޭނުންވަނީ އެއްވާހަކައެވެ. އެވާހަކަ ދައްކަނީ އަދި އެމަންޒަރު ދައްކަނީ ޓްރަމްޕެވެ. ރުހެވޭ ޒާތުގެ ވާހަކައެއް ގަބޫލުކުރަން ފަސޭހަވެސްވާނެތާއެވެ. އެހެންވީމާ އީމާންވެވެނީއެވެ. އަންނާށޭ އަންނާށޭ، އަރައިގަންނާށޭ އެންގީމާ ލައްބައޭ ލައްބައޭ ކިޔައިފައި ސަޕޯޓަރުން އެތިބީ ތަޅައިމަރައި ލޭވެސް އޮހޮރުވައި ބަޣާވާތްކޮށްގެންނެވެ. އެމެރިކާގެ ހާލަކީ މިއީކަމަށް ވަންޏާ ދެން ދިވެހިރާއްޖެ ކަހަލަ ތަންތަނުގެ ހާލަތު އޮންނާނީ ކިހިނަކުން ބާވައެވެ.

އެމެރިކާގެ ރައީސް ނުކުމެ ތިމަންނާ ބައްޔެއް ނުވެޔޭ ވޯޓު ވަގަށް ނެގީއޭ ކަލޭމެން އައިސް އިންސާފު ގާއިމުކުރާށޭ އަންގައިގެން ބަޔަކު ބަޣާވާތްކުރިއްޔާ ދިވެހިރާއްޖެ ކަހަލަ ތަނެއްގައި އެވަރުގެ މީހަކަށް މިކަހަލަ ޑްރާމާއެއް ކުޅެން މާފަސޭހަވެސްވާނެއެވެ. ދެހާސްބާރައިގެ ފެބްރުއަރީ ހަތެއް އަށެއްގައި ފެނިގެންދިޔައީ އެމަންޒަރެވެ. ގައުމަށް އެންމެ ހެޔޮގޮތަކީ ތިމަންނާ އިސްތިއުފާ ދިނުމޭ އެހެންވީމާ އިސްތިއުފާދީފީމޭ ރައީސް ނަޝީދު ވިދާޅުވީ ލައިވްކޮށް ޓީވީގައި އެންމެންގެ ކުރިމަތީގައެވެ. އަނެއްދުވަހަށް އެރިއިރާއެކު ވިދާޅުވިއެވެ. ތިމަންނާ އެހެން ބުނިންހެއްޔެވެ. އެކަމަކުވެސް މިއީ ހަރާން ބަޣާވާތެކެވެ. ޖެއްސީ ބަޑިއެވެ. ވީމާ ރައްޔިތުން ނުކުމެ އިންސާފު ގާއިމުކުރާށެވެ. މިކަން ހުއްޓުވައިދޭށެވެ.

އިރުތަކެއްނުވެ ބަޔަކު ނުކުމެ ކޯޓުތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހައިފިއެވެ. އެމީހުންގެ ނަޒަރުގައި ޑިމޮކްރަސީއާއި ގައުމުގެ ހައްގުގައި ވިދާޅުވެގެންނެވެ. މިރާއްޖެއަށް ކޮމަންވެލްތުގެ ފަރާތުން ޓީމެއް ފޮނުވައިގެން ހާވައިބަލައި ތަހުގީގުކޮށް ބަލަގަ އެއީ ބަޣާވާތެއް ނޫނޭ ބުނެ ރިޕޯޓު ނެރުނީމާވެސް ގަބޫލުކުރުމެއްނެތެވެ. ވެރިކަން ބަދަލުވެގެން ނުވާނޭ ކަމަށް އަދި ދެމެހެއްޓިފައި އޮންނަންވާނޭ ކަމަށް ގަބޫލުކުރަން ބޭނުންވާ މީހުންނަށް ފަސޭހަވާނީވެސް އެގޮތެވެ. އެއީ ޓްރަމްޕުގެ ސަޕޯޓަރުންނަށްވެސް ގަބޫލުކުރަން ފަސޭހަވި ގޮތެވެ. ކޯޓުން ބުނިބަސް ގަބޫލުނުކުރެވުނީ އެހެންވެއެވެ. ކޮމަންވެލްތުން ބުނިބަސް ދިވެހީންނަށްވެސް ގަބޫލުނުކުރެވުނު ފަދައިންނެވެ.