Last Updated: July 1, 23:03
Tuesday, July 1, 2025
ދުނިޔެ

އެނބުރި އަންނާނެ ކަމުގެ ވައުދާއެކު ޓްރަމްޕް ވައިޓްހައުސްއިން ނުކުމެވަޑައިގެންފި

އެނބުރި އަންނާނެ ކަމުގެ ވައުދާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސްއިން ނުކުމެވަޑައިގެންފިއެވެ.

ވައިޓްހައުސް އިން ނިކުމެވަޑައިގެންނެވުމަށްފަހު ޓްރަމްޕް ވަނީ ފްލޮރިޑާ އަށް ވަޑައިގެންނެވުމުގެ ކުރިން ޖޮއިންޓް ބޭސް އެންޑްރޫސްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމެރިކާގެ ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަދި އެމެރިކާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ ކަމަށާއި އެގޮތުން ކަންކަން ވަމުންދާ ގޮތް ބަލައި އަޑު އަހަމުން ގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި އާ ވެރިކަމަށް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

"ކޮންމެވެސް އެއް ގޮތަކަށް އަހަރުމެން އަދި އެނބުރި އަންނާނަން" ޓްރަމްޕްގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕް މިއަދު ވަކިވެ ވަޑައިގަންނަވާއިރު އޭނާ އަކީ ވެރިކަމުން ފައިބައިވަޑައިގަންނަވާ އެންމެ އެޕްރޫވަލް ރޭޓިން ދަށް ރައީސްއެވެ. އެގޮތުން ޓްރަމްޕްގެ އެޕްރޫވަލް ރޭޓިން ހުރީ 34 ޕަސެންޓްގައެވެ. އަދި އޭނާ އަކީ އެމެރިކާގެ ތާރީހުގައި ވެސް ދެ ފަހަރެއްގެ މަތިން އިމްޕީޗް ކުރެވުނު ފުރަތަމަ ރައީސެވެ.

އެމެރިކާގެ އައު ރައީސްކަމުގެ ހުވާ ޖޯ ބައިޑެން މިރޭގެ ވަގުތެއްގައި ކުރައްވާނެއެވެ.