Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑެން ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން - ފޮޓޯ: ގެޓީ އިމޭޖެސް

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން އަދި އެގައުމުގެ ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ހުވާ ކުރައްވައިފިއެވެ.

ބައިޑެން ހުވާ ކުރެއްވީ އެ ގައުމުގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ އެ ގައުމުގެ ޕާލަމެންޓް އިމާރާތް ކެޕިޓަލް ހިލްގެ ސިޑިބަރީގެ ކައިރީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. ބައިޑެން އަށް ހުވާލައިދެއްވީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ.

އުމުރުފުޅުން 78 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި 46 ވަނަ ފަރާތެވެ. އަދި އެގައުމުގެ ފުރަތަމަ އަންހެން ނައިބު ރައީސާގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ހެރިސް އަކީ އެ މަގާމާއި ހަވާލުވެވަޑައިގަންނަވާ 49 ވަނަ ފަރާތެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސްކަމުން ވަކިވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. މިއީ 1869 ވަނަ އަހަރަށްފަހު އެމެރިކާގެ އާ ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާ ބޭފުޅަކު ވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ވަޑައިނުގެެންނެވި ނަމަވެސް އެމެރިކާގެ ނައިބު ރައީސްގެ މަގާމުން ވަކިވެ ވަޑައިގެންނެވި މައިކް ޕެންސް އާއި އެގައުމުގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިއު ބުޝް އާއި ބިލް ކްލިންޓަންގެ އިތުރުން ބަރަކް އޮބާމާ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ބައިޑެން ވަނީ ގައުމާއި މުހާތަބު ކުރައްވާފައެވެ. އެގޮތުން ބައިޑެންގެ މި ތަގުރީރު ބޮޑަށް އަމާޒު ކުރެއްވީ "އެއްބައިވަންތަ އެމެރިކާ" އަށެވެ.