Last Updated: April 16, 15:47
Tuesday, April 16, 2024
ޚަބަރު

އަލީ ވަހީދުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަަން ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ހަތް ދައުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލަތަކުގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރު 1:30 ގައެވެ. މި ހަތް ދައުވާގެ އަޑު އެހުންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އެއް ޝަރީއަތެެއްގެ ގޮތުގައެވެ.

އަލީ ވަހީދުގެ މަގާމުން ވަކި ކުރެވުނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު މައްސަލައެއް ހުށައެޅުމުން އެކަމާއި ގުޅިގެންނެވެ. އެގޮތުން ހަތް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށައަޅާފައެވެ.

މި މައްސަލާގައި ވަނީ 15 މީހުންގެ ބަޔާން ހުށައަޅައި އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ދައުލަތުން ހިފަހައްޓައިފައެވެ. އަދި މި މައްސަލައިގައި އަލީ ވަހީދުވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފައެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:

-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

އަލީ ވަހީދު ވަނީ އިންސާފުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.