Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިތަދޫގައި ހިނގާލުމެއް

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫ ސިޓީ ހިތަދޫގައި ހިނގާލުމެއް ބާއްވައިފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. އެ ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު ވަނީ ނިންމާފައެވެ.

ހިތަދޫގައި މިއަދު ހަވީރު ބޭއްވި މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ޔާމީން ވަގުތު ދޫކޮށްލުމަށާއި އެމަނިކުފާނަށް އަނިޔާ ނުކުރުމަށް ގޮވާލާފައެވެ. މި ހިނގާލުމުގައި ޕީޕީއެމްގެ ހިތަދޫ ސްޓިއަރިން ކޮމިޓީގެ އިސް ފަރާތްތަކާއި ޔާމީނަށް ތާއީދު ކުރާ އެކި އުމުރުފުރާގެ މީހުން ބައިވެރިވިއެވެ.

ހައިކޯޓުން އިއްޔެ ޔާމީނަށް އިއްވި ހުކުމް ބަލައިނުގަނަން އިދިކޮޅުން ވަނީ ނިންމާފައެވެ. އެގޮތުން އިދިކޮޅުން ވަނީ އެއީ ބާތިލު ހުކުމެއް ކަމަށާއި އެ ހުކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަޑީގައި ތިއްބަވައިގެން ޔާމީންގެ މައްޗަށް އަނިޔާވެރިވުމުގެ ގޮތުން އިއްވި ހުކުމެއް ކަމަށް ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއުފުލާ އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާފަ އެވެ.