Last Updated: April 20, 06:20
Saturday, April 20, 2024
މީހުން

ނަތުފް ނަސީރު: ޒުވާން އީޖާދީ ސިކުނޑިއެެއް!

ސ.ހިތަދޫ އަށް އުފަން އުމުރުން 17 އަހަރުގެ މުހައްމަދު ނަތުފް ނަސީރު އަކީ ފަންނުވެރި ހުނަރުވެރި އަދި ތަފާތު މަސައްކަތްތަކުގެ ރޮނގުން ފާހަގަކޮށްލެވޭ ކުއްޖެކެވެ.

އިލެކްޓްރޯނިކްސް ސާމާނު މަރާމާތުކޮށް ހެދުމުގެ އިތުރުން ވަޑާން ކުރުމާއި ބިއްލޫރިން ތަކެތި ހެދުމާއި ފެންވައިރިން ކުރުމުގެ އިތުރުން ހުނަރުވެރި ފެތުންތެރިއެކެވެ. އުމުރުން އެންމެ 17 އަހަރުގައި ނަތުފް އަކީ ގިނަ ބައެއްގެ މެދުގައި މިފަދަ ކަންކަމުގައި މަގުބޫލު ކުއްޖެކެވެ.

ހިތަދޫ ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ ނަތުފް ނަސީރު އަކީ އެންމެ ކުޑައިރުއްސުރެ މިފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

އެގޮތުން ނަތުފް އެންމެ ފުރަތަމަ މަސައްކަތް ދަސްކުރަން ފެށީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ބައްޕަ އާއި އެއްކޮށް ވަޑާމުގެ މަސައްކަތްތައް ކޮށް ބައްޕަ ކައިރިން ކޮންމެވެސް ވަރަކަށް ކަރަންޓުގެ މަސައްކަތް ނަތުފް ދަސްކުރިއެވެ. ނަމަވެސް ނަތުފް ގެ އުމުރުން އެންމެ 14 އަހަރުގައި އޭނާގެ ބައްޕަ ހާޓް އެޓޭކްއެއް ޖެހިގެން ވަނީ ނިޔާވެފައެވެ.

ހަޔާތަށް އައި ބޮޑު ބަދަލާއި އެކު ނަތުފް ހިތްވަރު އެލުވައެއް ނުލިއެވެ. ބައްޕަގެ ފަރާތުން ދަސްވީ ކަންކަމުގެ އިތުރަށް އޭނަ އަމިއްލައަށް އެހެނިހެން މަސައްކަތްތައް ދަސްކުރަން ފެށިއެވެ.

އެގޮތުން ނަތުފް އަކީ މިހާރު އައްޑު އަތޮޅު ހިތަދޫގައި ހުރި އުމުރުން އެންމެ ހަގު އެންމެ މޮޅަށް ފޯނުތައް މަރާމާތު ކޮށްދޭ އެކަކު ކަމުގައި ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ފޯނުގެ ޑިސްޕްލޭ ބަދަލުކުރުމުން ފެށިގެން މަދަރބޯޑް ލެވެލް ރިޕެއާ ގެ ހުރިހާ މަސައްކަތެއް ނަތުފް އަށް އިނގެއެވެ. އަދި ނަތުފް އަށް ކޮންމެ ބްރޭންޑެއްގެ ފޯނެއް ދިނަސް އެކަށީގެންވާ އަގެއްގައި އެންމެ ރަނގަޅު ފެންވަރަށް މަރާމާތު ކޮށްދެއެވެ.

މީގެ އިތުރުން ލެޕްޓޮޕް، ޓީވީ އަދި ކަރަންޓު އެހެނިހެން ސާމާނުތައް ވެސް މަރާމާތުކުރުމުގެ މަސައްކަތް ނަތުފް ކޮށްދެއެވެ.

ނަތުފް ގެ ހުނަރަކީ ހަމައެކަނި ހަލާކުވާ ސާމާނުތައް މަރާމާތު ކުރުމެއް ނޫނެވެ. ނަތުފް ވަނީ އުމުރުން އެންމެ 13 އަހަރުގައި އަމިއްލައަށް ޕޮޕް ކޯން މެޝިނެއް އުފައްދާފައެވެ.

ހިތަދޫ ސްކޫލްގެ 2016 ވަނަ އަހަރުގެ ސައިންސް ފެއަރ އަށް ނަތުފް ވަނީ މެނުއަލް ލައިޓިންގް ސިސްޓަމެއް އުފައްދައި މުޅި ހިތަދޫ އިން އެއްވަނަ ހާސިލްކޮށްފައެވެ. މި ލައިޓިންގް ސިސްޓަމްގެ ތަފާތަކީ އެއްވެސް ޗިޕެއް ބޭނުން ކުރުމެއް ނެތި މުޅިން އަމިއްލައަށް މެނުއަލް ކޮށް ޕްރޮގްރާމް ކުރެވޭ ގޮތަށް އުފައްދާވައިވާ ސިސްޓަމެކެވެ. ބޭރުން އަޅުގަނޑު މެން ގަންނަ ގިނަ ލައިޓިންގް ސިސްޓަމް ތަކަކީ ވެސް އޮޓޮމެޓިކް ސިސްޓަމްތަކެކެވެ. ނަތުފް މިހުރިހާ މަސައްކަތްތަކެއް ވެސް ދަސް ކުރީ އަމިއްލައަށެވެ.

މީހުން ކުރާ މަސައްކަތްތައް ބަލައިގެން އޭނާ ބަލަނީ އެ މަސައްކަތްތައް އެއަށްވުރެ ފުރިހަމައަށް އަމިއްލަ ގޮތަކަށް ކުރެވޭތޯއެވެ. ނަތުފް އަކީ "ސެލް އައި ފިކްސް" ގެ ނަމުގައި އަމިއްލަ އިންސްޓަގްރާމް ޕޭޖެއް ހަދައިގެން މީހުންނަށް ހެޔޮ އަގުގައި މަސައްކަތްކޮށްދޭ ފަރާތެކެވެ. އަދި މިހާރު އައްޑޫގައި ހުރި ހަމައެކަނި ލެޕްޓޮޕް ގެ މަދަރބޯޑް މަރާމާތުކޮށްދޭ ފަރާތަކީވެސް ހަމަ މުހައްމަދު ނަތުފް ނަސީރުއެވެ.

ނަތުފް އަކީ ބިއްލޫރިން ތަފާތު އެކި ޑިޒައިންތަކަށް މަސް ޓޭންކާއި އަދި އެނޫންވެސް އެހެނިހެން ތަކެތި އުފައްދައި ފަރުމާކޮށްދޭ ކުއްޖެކެވެ. އަދި އޭގެ އިތުރަށް ވަޑާމުގެ ބައެއް މަސައްކަތްތައް ވެސް ވަރަށް ފުރިހަމައަށް ކުރަން އެނގޭ ހުނަރުވެރި ކުއްޖެކެވެ.

އެގޮތުން މޭޒާއި ގޮނޑިއާއި ގޭތޭރޭގައި ބޭނުންކުރާ ލަކުޑިން އުފައްދާ ގިނަ ސާމާނުތައް އެއްވެސް އުނދަގުލެއްނެތި އަމިއްލައަށް އުފައްދަން ނަތުފް އަށް އިނގެއެވެ. ނަތުފް ވަނީ ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާނެ ވަސީލަތެއްވެސް އިޖާދުކޮށްފައެވެ.

ވައިގެ ހަކަތައިން ކަރަންޓު އުފައްދާ މެޝިން

ނަތުފް އަކީ ސަކަ މިޒާޖެއްގެ އެންމެންނާއި ވެސް ގުޅޭ އަބަދުވެސް ހިނިތުންވެހުރެ އަނެކާއާއި މުޢާމަލާތް ކުރާ ހިތްހެޔޮ ކުއްޖެކެވެ. މީގެ އިތުރުން ނަތުފް އަކީ ހުނަރުވެރި ފެތުންތެރިއެކެވެ. އުމުރުން 6 އަހަރުގައި ފަތަން ދަސްކޮށް މިހާތަނަށް އެކި މުބާރާތްތަކުގައި ވާދަކޮށް ތަފާތު ކާމިޔާބީތައް ހޯދާފައެވެ.

އެގޮތުން 8 ގޯލްޑް މެޑަލާއި 7 ސިލްވަރ މެޑަލްގެ އިތުރުން 8 ބްރޯންޒް މެޑަލް ނަތުފް ވަނީ މިހާތަނަށް ހޯދާފައެވެ. ނަމަވެސް ނަތުފް ހާމަކުރި ގޮތުގައި އައްޑޫ އިން މިފަދަ މުބާރާރްތަކުގައި ވާދަ ކުރުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށެވެ.

ނަތުފް ވަނީ "ކްރޮސިންގ އައްޑޫ" ގެ ނަމުގައި ބޭއްވި ފެތުމުގެ ހަރަކާތެއްގައި ބައިވެރިވެ ހުޅުމީދޫ އިން ފެށިގެން ހިތަދޫއާއި ހަމައަށް ފަތާފައެވެ.

އެކި އުމުރުފުރައިގެ މީހުން ބައިވެރިވި މިހަރަކާތުގައި ހުޅުމީދޫ އިން ހިތަދޫ އާއި ހަމައަށް ފެތި ފުރަތަމަ ތިން ބައިވެރިންގެ ތެރެއިން ތިން ވަނަ ބައިވެރިއަކަށް ނަތުފް ހިމެނެއެވެ.

އައްޑު އަތޮޅު ހިތަދޫ އަކީ ފޯނު މަރާމާތުކޮށްދޭ ތަންތަން އެހާ ގިނަތަނެއްނޫނެވެ. ދެތިން ތަން ހުންނައިރު އެތަންތަނުގައި މަސައްކަތްކުރަނީ ބިދޭސީންނެވެ.

ނަތުފް ބުނިގޮތުގައި ނަތުފް އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ދިވެހިން މި ރޮނގުން ކުރިއަރައި ގިނަ ދިވެހިން މި ފަންނުގައި ހަރަކާތްތެރިވާ މަންޒަރުކަމަށެވެ. އަދި އައްޑޫ އިން މި ރޮނގުން ކުރިއަށްދާނެ އިތުރު ފުރުސަތުތަކާއި އެކަށީގެން ވާ ވަސީލަތްތައް މަދުކަމުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށް ވެސް ނަތުފް ވަނީ ފާހަގަކޮށްފައެވެ.

ނަތުފް މިހާރު ކުރަމުންދާ މަސައްކަތަކީ އެކި ވައްތަރުގެ އެހެން ފޯންތަކުގެ ބައިތައް ބޭނުންކޮށްގެން އަމިއްލަ ފޯނެއް އުފެއްދުމުގެ މަސައްކަތެވެ. އެކަން ވެސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ ބޭނުންވާ ސާމާނު ލިބުމުގެ ދަތިތަތަކާއި ގުޅިގެން ކަމަށް ނަތުފް ހާމަކުރެއެވެ.

މިފަދަ ކޮންމެ ކުއްޖަކީ ވެސް އަދި ފަރުދަކީ ވެސް މުޅި މުޖްތަމައުއަށް ހުރި ލާމަސީލު ނަމޫނާތަކެވެ. އަމިއްލައަށް އަމިއްލަ މަސައްކަތުން ހާސިލް ކުރަން ބޭނުންކަމެއް ހާސިލްކުރެވޭނެ ކަން މިފަދަ ތަފާތު ފަންނުވެރިންގެ ފަރާތުން ސާބިތުވެއެވެ.

އަދި މިފަދަ ފަރާތްތަކަށް އިތުރު އެހީގެ ފުރުސަތުތަކާއި ކުރިއަށްދާނެ މަގުތައް ތަނަވަސް ވެއްޖެނަމަ މިއީ އަޅުގަނޑުމެންގެ ރާއްޖެއަށް ބައިނަލްއަގުވާމީ ރީތި ނަންތައް ހޯދައިދޭނެ ފަދަ ހުނަރުވެރި ސިކުނޑި ތަކެކެވެ.