Last Updated: April 25, 22:42
Thursday, April 25, 2024
ކޮލަމް ސިޔާސީ

ހައްޤުގެ ވާހަކަ ނުދައްކަވާ، ބާރު އޮތްއިރު ފްލެޓް ބެއްސެވީ ޕާޓީ ކުދިންނަށް!

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު--

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ސޯޝަލް މީޑިއާގައި އެކި ދާއިރާތަކަށް ކުރިމަތި ލައްވާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަންވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޚާއްސަކޮށް މާލޭސިޓީ މޭޔަރު ކަމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ މެދުގައި ސޯޝަލްމީޑިއާގައި ވަނީ ވާދަވެރިކަން އިތުރު ވެފަ އެވެ. މާލޭސިޓީ މޭޔަރުކަމަށް ކުރިމަތިލައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ އެވެ.

ސޯޝަލް މީޑިއާގައި މި ބޭފުޅުންގެ ވާދަވެރިކަން އަދި މި ބޭފުޅުންނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވާއިރު، ޑރ. މުއިއްޒު އެންމެ ބާރުލައްވާފައި ދައްކަވާ ވާހަކައަކީ މި ސަރުކާރުން ފްލެޓްގެ ހައްޤުވެރިންގެ އަތުން ފްލެޓް އަތުލައްވާ ގޮތުގެ ވާހަކަ އެވެ. މުއިއްޒު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހަތް އަހަރު ހުންނަވާ ފްލެޓް ބެއްސެވި "އިންސާފުވެރި" ގޮތުގެ ވާހަކަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މިރާއްޖޭގެ ރައްޔިތުންނަށް އަދި ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ތުރާލެކެވެ. ދިރިއުޅެން ޖެހޭ ތަންކޮޅުގެ ކުޑަ ކަމާއި އެ ތަންކޮޅުގެ ކުލީގެ ބޮޑު ކަމުގެ ޝަކުވާ އެވެ. ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާ ބޭފުޅުންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން އޮވެ އެވެ. މިހާތަނަށް ވެރިއަކު އެޅި ފްލެޓެއްގައި ރައްޔިތުންނަށް އުޅުމަށް ލިބިފައިވަނީ ރައިސް މައުމޫން ހުޅުމާލޭގައި އެޅުއްވި ފްލެޓްތަކާއި ރައީސް ނަޝީދު މާލޭގައި އެޅުއްވި ފްލެޓްތަކެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ބޯހިޔާވަހިކަމުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަން"އެއްގެ ގޮތުގައި ފެއްޓެވީ ހިޔާ މަޝްރޫއެވެ.

އިންތިހާބުން ބަލިވެ ވެރިކަމުގެ ލައްޒަތާއި އާރާއިބާރު އަތުން ދޫކޮށްލަން ޖެހުނުއިރުވެސް އެ ފްލެޓްތައް ރައްޔިތުންނަށް ބަހާލެވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުއިއްޒު ކަންކުރެއްވީ ވަރަށް ވެސް މޮޅަށެވެ. އިންތިހާބުން ބަލިވުމުން އަވަސްވެ ގަތީ ފްލެޓްތައް މީހުނަށް ބަހާލުމަށެވެ. ގާތްމީހުންނާއި ޕާޓީ ކުދިން ކޮޅަށެވެ. އަވަސް އަރުވާލާފައި، ރައްޔިތުން ގަދަ އަވީގައި ކިއުގައި ޖައްސުވާފައި އެއްބައި މީހުންނަށް މޭޒު ދަށުން ފްލެޓްލިބުނު ކަމުގެ ލިޔުންދީ ނިންމާލާ ލިސްޓު ނެރުނު އިރު އޭރުވެސް ޝަކުވާގައި، ހާލުގައި ދިރިއުޅުނު ރައްޔިތުންނަށް ލިބުނު މޮޅެއް ނެތެވެ. ނުކުޅޭ ދަރިންކޮޅު ގޮވައިގެން އެކަނި ހާލުގައި ދިރިއުޅުނު މައިންނަށް އޮތީ ފައިލު ބޮނޑި ހިފައިގެން ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ހިނގުމެވެ. އިންސާފު ލިބޭތޯ އެވެ.

އޭރު ފްލެޓް ދިން ފަރާތްތަކުގެ ތެރޭގައި ޕާޓީ ކުދިންނާއި މަޖިސް މެމްބަރުންނާއި އެމީހުންގެ އާއިލާތައް ހިމެނިފައި ހުރީ ސިއްސައިގެންދާ ވަރަށެވެ. މިކަމުގައި އެންމެނަށް އިންގޭ ބޮޑު ސިއްރެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. ހަމައެކަނި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާފަރާތްތަކާއި އަނބިން ހިމެނޭ ގޮތަށް 73 ފްލެޓް ބަހާލާފައިވެ އެވެ. އެންމެ ގިނަ ފްލެޓް ލިބިލެއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލްގެ އާއިލާގެ 37 މީހަކަށް ފްލެޓް ލިބިފައިވާއިރު، އޭގެ ތެރޭގައި އަނބިކަނބަލުންނާއި، އާއިލާގެ 10 މީހަކު ހިމެނެ އެވެ. ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފްގެ އާއިލާގެ 8 މީހަކަށް ފްލެޓް ލިބިފައިވާއިރު ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުގެ އާއިލާގެ 7 މެމްބަރަކަށް ފްލެޓް ލިބިފައިވެ އެވެ. މިހެންގޮސް އެތައް އެތައް މެމްބަރއްގެ އާއިލީ ފަރާތްތަކަށް ފްލެތް ދެއްވާފައިވާއިރު ޕާޓީގެ އެކްޓިވިސްޓުންނާއި މިހެންވެސް ތިއްބެވި ފަރާތްތަކަށް ފްލެޓް ބަހާލާފައި އޮތެވެ. ވަކި ވަކި މިނިސްޓަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ އެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކުންވެސް 300 އާ ގާތްކުރާ އަދަދަކަށް އެކި ފަރާތްތަކަށް ފްލެޓް ނަހާފައި ހުއްޓެވެ. ގައިމު އެވެސް ހައްޤުވާ ކޮންމެވެސް ހައްޤުވެރިއަކު، ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ކޮންމެވެސް އާއިލާއެއް އޮންނާނެ ތާއެވެ.

މިސަރުކާރަށް ވެސް މިއުޅެނީ ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަންޖެހޭ ފްލެޓްތައް އެންމެ ރަނގަޅަށް އަދިވެސް ބަހާނުލެވިގެންނެވެ. ރައްޔިތުންގެ ޝަކުވާތައް ގިނަ އެވެ. އެހެން ނަމަވެސް އެއީ އެހެން ފަހަރަކުން ދައްކަން އޮތް ވާހަކަ އެވެ. އަދި މުއިއްޒުގެ ވާހަކައަކީ މިސަރުކާރުން ފްލެޓްތަކުގެ ކަންކަމުގައި ކަންކުރަމުން ގެންދާ ގޮތުގެ ބަހަނާއެއްގެ ގޮތުގައި ދެއްކެން އޮތް ވާހަކަ އެއްވެސް ނޫނެވެ.

އެހެންނަމަވެސް، ފްލެޓްތަކުގެ "ހައްޤުވެރިން"ގެ ވާހަކަދައްކާ "ހައްޤު"ގެ ވާހަކަ ދެއްކެވުމަށް، ބާރުގައި ތިއްބަވާ ޕާޓީ ކުދިންނަށް ފްލެޓް ބެއްސެވި ބޭބޭފުޅުން ލަދުގަންނަން ޖެހޭނެ އެވެ.