Last Updated: May 7, 10:30
Tuesday, May 7, 2024
ޚަބަރު

އެންގުމަކާ ނުލައި ކަރަންޓް ކަނޑަނީ

އާރްއޭފްގައި ހުންނަ މަރުކަޒީ އިންޖީނުގެ.

އެއްވެސް ކަހަލަ އެންގުމަކާ ނުލައި އަނެއްކާ ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކަނޑަނީ އިންޖީނުތައް މަރާމާތު ކުރުމަށެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ 1 އިން 19 އާ ހަމައަށް ގުޅިފައިވާ ހަތަރު ރަށުން ކަރަންޓް ކެނޑުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޖީނު މަރާމާތު ކުރުމަށް ކަރަންޓް ކަނޑަމުން އަންނަ އިރު ހިދްމަތް ހޯދާ ފަރާތްތަކަށް އެއްވެސް ގޮތަކަށް މިފަހަރު އަންގާފައި ނުވެއެވެ.
އަދި އެގޮތަށް ކަރަންޓް ކަނޑާލުމާއި ގުޅިގެން އާއްމު ފަރާތްތަކުގެ އަގުބޮޑު އިލެކްޓްރޯނިކްސް ސާމާން ހަލާކުވަމުންދާ ކަމުގެ މައުލޫމާތު ލިބެ އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވަނީ އިންޖީނު ގެއިން ކަރަންޓް ކަނޑަން ނޭންގި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

"ކުރިން ކަރަންޓް ކަނޑާލާ ކަން އަންގާ، އެކަމަކު މިފަހަރަކު ނޭގެ ކަރަންޓް ކަނޑާލާކަމެއް. އަދި ކަނޑާލަނީ ކިތައް ގަނޑިއިރަށް ކަންވެސް ނޭގެ. މީ ދެރަ މައްސަލައެއް." ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އާއްމުންގެ ޝަކުވާ ބޮޑުވެފައި ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ނުވެވި ކޮންމެ މަހަކު އެތައް ފަހަރަކު ކަރަންޓް ކެނޑި އެ ހިދުމަތުން ގިނަ އިރު މަހްރޫމްވެފައި ތިބެން ޖެހުމުންނެވެ.

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ނުލިބުމާއި މަރާމާތު ނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ލޯޑް މަތިވެގެން ކަރަންޓް ކަނޑާފައި ވެއެވެ.

އަދި އެކަން ހައްލު ކުރުމުގެ ގޮތުން 2 މެގަ ވޯޓް އިންޖީނެއް ގަންނާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އަދިވެސް އިންޖީނު ގަނެފައެއް ނުވެ އެވެ.