Last Updated: April 19, 11:14
Friday, April 19, 2024
ސިއްހަތު

ދުޅަހެޔޮ ސިއްހަތެއްގައި ހުންނާނީ ކިހިނެތް؟

އިންސާނެއްގެ ދިރިއުޅުމުގެ މައިގަނޑު އަސާސަކީ އޭނާގެ ސިއްހަތެވެ. ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ވެސް ފުރިހަމައަށް ލިބެންޖެހޭ ފައިދާތައް ލިބިގެން މެނުވީ ސިއްހަތަށް އެންމެ އެދެވޭ ފައިދާއެއް ނުކުރާނެއެވެ. މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން މިކަމާއި މެދު ވިސްނާކަން މުޖްތަމައުއަށް ނަޒަރު ހިންގާލުމުން ފާހަގަވެއެވެ.

އެގޮތުން ހަށިގަނޑުު ރަނގަޅަށް ބަަހައްޓައި ސިއްހީ ގޮތުން ފައިދާތަކެއް ލިބުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ހުރެއެވެ. އެހެން ނަމަވެސް އެއީ މާ ބުރަ އަދި މާ ބޮޑު މަސައްކަތްތަކެއް ނޫނެވެ. އެގޮތުން ދުޅަހެޔޮ ސިއްޙަތެެއްގައި ތިބުމަށް ކުރަން ޖެހޭ ވަރަށް ވެސް ފަސޭހަ އެކަމު މުހިއްމު ކަންކަމަށް ބަލާލަމާ ހިނގާށެވެ.

* ކަސްރަތު

ހަށިގަނޑު ރަނގަޅަށް ބަހައްޓަން ބޭނުން ނަމަ ދުވާލަކު މަދުވެގެން 15 މިނެޓަށް ނަމަވެސް ކަސްރަތު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ބައެއް ކަހަލަ ކަސްރަތުތަަކަކީ ގޭގައި ތިއްބަވައިގެން ވެސް ކޮށްލެވޭނެ ކަންތައްތަކެވެ. ކަސްރަތު ކުރުމަކީ އިންސާނާގެ ހަށިގަނޑު އެތަކެއް ބައިވަރު ޓޮކްސިން އެއް ބޭރުކޮށްދީ ސިކުނޑި ތާޒާ ކޮށްދޭ ކަމެއް ކަމަށް ވެސް ކަމާއި ބެހޭ ފަންނީ މާހިރުން ވިދާޅުވެއެވެ. ހަމައެއާއި އެކު ދުވާލަކު މަދުވެގެން 3-2 ލީޓަރު ފެން ބުއިމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބޭނަމަ މީހާ ނުތަނަވަސް ވެ ވިސްނުމުގެ ތޫނުފިލިކަން ކުޑަވެ ހަށިގަނޑުގެ ފިނިހޫނިމިނަށް ނުރަނގަޅު ބަދަލުތަކެއް އާދެއެވެ. އޭގެ އިތުރުން ކިޑްނީ ގައި ހިލަ އުފެދުމުގެ މައްސަލަ ދިމާވެ ހަށިގަނޑު އާދަޔާ ޚިލާފަށް ވަރުބަލިވުމަކީ ވެސް ފެން މަަދުވުމުން ހަށިގަނޑަށް ދިމާވާ ކަންތައް ކަމަށް މިހާރުގެ ހޯދުން ތަކުން ދައްކައެވެ.

* ނިދި

އިންސާނެއްގެ ހަށިގަނޑަށް އެންމެ މުހިއްމު ކަމަކީ ރޭގަނޑުގެ ނިދި ނިދުމެވެ. މަދުވެގެން ކޮންމެ ރެއަކުވެސް 8 ގަޑި އިރު ނިދުމަކީ ހަށިގަނޑަށް ވަރަށް ވެސް މުހިއްމު ކަމެކެވެ. އެކަށީގެންވާވަރަށް ނިދި ނުލިބޭނަމަ ހަށިގަނޑު ހެދިބޮޑުވުމުގައި ތަފާތު މައްސަލަތަކާއި ކުރިމަތިލާންޖެހެެއެވެ. އެގޮތުން ކަންނެތްވެ އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ މީހާ ފަލަވާން މެދުވެރިވެއެވެ. ރަނގަޅަށް ނިދި ނުލިބޭނަމަ ބަނޑުހައިވެ ގިނައިން ކާހިތްވާނެއެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމަށް ވެސް ފުރިހަމަ ނިންޖެއް ބޭނުންވާނެއެވެ. ފުރިހަމަ ނިދި ހަށިގަނޑަށް ލިބޭ ކަމަށް ވަނީނަމަ ހަނދާން ނެތުމާއި މާޔޫސްވުން އަދި ޑިޕްރެޝަން ފަދަ ކަންކަމުން ވެސް މީހާ ދުރުކޮށްކޮށްދެއެވެ.

* ރައްޓެހިންނާއި އާއިލާ އެކު ވަގުތު ހޭދަކުރުން

ކޮންމެ ދުވަހަކު އެއްފަހަރު ރައްޓެހިންނާއި އާއިލާއާއި އެއްކޮށް ވަގުތު ކޮޅެއް ހޭދަކުރުމަކީ ސިކުނޑި ފުރިހަމައަށް ބިނާވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވާގިވެރިވެދޭ ކަމެއް ގޮތަށް ސައިންސް އަލީގައި މިހާރުގެ ގިނަ ފަންނީ މާހިރުން ސާބިތުކޮށްދެއްވާފައިވާކަމެކެވެ. އެގޮތުން ހިތްހަމަޖެހޭ ވަގުތުކޮޅެއް ރައްޓެހިންނާއި ލޯބިވާމީހުންނާއި އެކު ހޭދަކޮށްލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިއްމުކަމެކެވެ. އަދި މީގެ ސަބަބުން ސިކުނޑީގައި ހުންނަ ބޭކާރު ކަންކަން މަދުވެ ބިނާކުރުވަނީ އިތުރު ގޮތްތައް ސިކުނޑިއަށް ހޯދައިގަންނަން ފަސޭހަވެއެވެ. ހަމަ އެހެންމެ ކޮންމެ ދުވަހަކުވެސް އާާކަމެއް ދަސްކުރުމަކީ ދުޅަހެޔޮ ކަންކަމުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއްކަމެވެ. ސިކުނޑި ތަރައްގީވާނީ އަބަދުވެސް މީހަކަށް ލިބޭ އިލްމާއި ހުނަރަށް ބަލާފައެވެ. އަދި ސިކުނޑިއަށް ލިބޭ އެންމެ ބޮޑު އެއް ކަސްރަތަކީ ވެސް އިލްމު އުނގެނުމެވެ. ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކޮންމެވެސް އާކަމެއް ދަސްކޮށްލުމަކީ އޭގެ ސަބަބުން ސިކުނޑިއަށް ބޮޑެތި ފައިދާތަކެއް ލިއްބައިދޭކަމެކެވެ. އަދި މީގެ ސަބަބުން އަމިއްލަ ނަފްސަށް ކަންކަމާއި ދޭތެރޭގައި އޮންނަ ޔަގީންކަން އިތުރުވެ ދިމާވާ އެކި އެކި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ ފުރިހަަމަ ގޮތް އަމިއްލަ އަށް ދެނެގަނެވޭނެ ގޮތެއްކަމަށް ވެސް ސައިންސްވެރިން ވިދާޅުވެެއެވެ. އަދި ސިކުނޑިއަށް ލިބޭ ކޮންމެ ފައިދާއަކީ އޭގެ އަސަރު ތިމާގެ ސިއްހަތަށް ފޯރާނެކަންކަމެވެ.

* ރަނގަޅު ކާނާ

ދެން އެންމެ މުހިއްމު މައިގަަނޑު އެއްކަމަކީ ރަނގަޅު ކާތަކެތި ކެއުމުގައި ހިމެނުމެވެ. އެގޮތުން ތަރުކާރީ އާއި މޭވާ އަދި އެކި ވައްތަރުގެ ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަަތަކީ ސުފުރާ މަތި ފަޅުފިލުވުމުގެ އިތުރުން ހަށިގަނޑަށް ވެސް ވަރަށް މުހިއްމު ބާވަތްތަކެވެ. އެގޮތުން ހަށިގަނޑަށް ދިމާވާ އެކި އެކި ބަލިތަކުން ރައްކާތެރިކޮށްދީ ދިފާއީ ނިޒާމު ވަރުގަދަވެ ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ކަންކަމުން ރައްކާތެރިކޮށްދީ ބައެއްކަހަލަ ކެންސަރު ޖެހުމުން ވެސް ހަށިގަނޑު ރައްކާތެރިކޮށްދޭ އެންމެ މުހިއްމު އެއްކަމަކީ ކެއުމުގައި މިފަދަ ތަކެތި ހިމެނުމެވެ.
މި ފާހަގަ ކޮށްލެވުނު ކަންކަމުގެ އިތުރުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ އެހެނިހެން އެތައް ކަމެއް ހުރެއެވެ. ނަމަވެސް ފާހަގަކޮށްލެވުނު ކަންކަމަކީ ކޮންމެހެން މުހިއްމު ކަމެއް ދީގެން ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ފަންނީ މާހިރުން އިރުޝާުދު ދެއްވާފައިވާ ކަންކަމެވެ.