Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ސަރުކާރު

ޖަޒީރާ ސައްލާ: "ބޭނުމަކީ ހުރިހާ ހިޔާލެއް އަޑުއެހުން"

ސަރުކާރުގެ ސިޔާސަތުތަކާއި މެދު ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުން ސާފުކުރުމަށް "ޖަޒީރާ ސައްލާ"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ޖަޒީރާ ސައްލާ"ގެ ބޭނުމަކީ، އެކިކަންކަމުގައި ސީދާ ރައްޔިތުންނާއި ވާހަކަ ދެއްކޭނެ މަގެއް ހޯދުންކަމަށެވެ.

މަބްރޫކް ވިދާޅުވީ "ޖަޒީރާ ސައްލާ"ގެ ސެޝަންތައް ކުރިއަށްދާނީ އެ ސެޝަންއަކަށް ހާއްސަ ކުރާ ޓޮޕިކަކާއި ގުޅޭ ހާއްސަ ފަރާތްތައް ހިމަނައިގެން ކަމަށާއި، އެގޮތުން ލިބޭ ހިޔާލުތަކާއި ޝަކުވާތަކަށް ޖަވާބު ދިނުމާއި އަދި އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، "ޖަޒިރާ ސައްލާ"ގެ ބޭނުމަކީ ހުރިހާ ހިޔާލުތައް އަޑުއެހުންކަމަށެވެ.

"މީގެ އިންޓެންޝަނަކީ ސަރުކާރު ދިފާއު ކުރުމެއް ނޫން. ހުރިހާ ހިޔާލުތައް އަޑުއެހުން ބޭނުމަކީ. ހިތްހަމަ ނުޖެހޭ ކަންކަން ހުއްޓަސް އެ ވާހަކަތައް އަޑުއަހާ ހައްލު ހޯދޭނެ ގޮތެއް ހޯދުން." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، "ޖަޒީރާ ސައްލާ"ގެ ސެޝަންތައް ކުރިއަށް ގެންދާއިރު ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކޮށް، ކަނޑައެޅޭ ހޭޝްޓެގެއް ބޭނުންކޮށް ހިޔާލުހޯދުމާއި ކަންބޮޑުވުންތައް ހުށަހެޅޭނެ ކަމަށެވެ.