Last Updated: April 25, 10:28
Thursday, April 25, 2024
ދުނިޔެ

ކޮވިޑު ފެތުރުން ހުއްޓުވަން ދެ މާސްކު އެޅުން ރަނގަޅު: ފައުޗީ

ކޮވިޑް-19 ފެތުރުން ހުއްޓުވަން އެއް މާސްކުގެ ބަދަލުގައި ދެ މާސްކު އެޅުން ރަނގަޅު ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

އެންބީސީ ނިއުސްގެ "ޓުޑޭ" ޕްރޮގްރާމްގައި ވާހަކަދައްކަމުން ފައުޗީ ވިދާޅުވީ އެއް ލޭޔަރުގެ މާސްކެއްގެ މަތިން އިތުރު ލޭޔަރެއްގެ އެޅުމަކީ ހަމަޖެހޭ އަދި ބަލި ފެތުރުން ހުއްޓުވުމަށް ވެސް އެހީވެދޭނެ ކަމެއް ކަމަށެވެ.

"އެހެންވެގެން އެ ފެންނަނީ މީހުން ދެ މާސްކު އަޅައިގެން އުޅޭތަން" ފައުޗީ ވިދާޅުވިއެވެ.

ފައުޗީ މިހެން ވިދާޅުވި ނަމަވެސް ދެ މާސްކު އަޅައިގެން އުޅުމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އަދި މިހާތަނަށް އިލްތިމާސްކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ހެލްތު އޮފިޝަލުން ވަނީ ތިން ލޭޔަރުގެ ފޮތި މާސްކު ނުވަތަ އެން95 ގެ މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެންބީސީން ބުނާގޮތުން އެންމެފަހުގެ ދިރާސާތައް ދައްކާ ގޮތުން ގިނަ ލޭޔަރު އެކުލެވޭ މާސްކުން ބަލި ފެތުރުން 70 ޕަސެންޓަށް ކުޑަކޮށްދެއެވެ. އަދި އެން95 މާސްކު އެޅުމުން ބަލި ފެތުރުން 95 ޕަސެންޓަށް ކުޑަކޮށްދޭއިރު އެ ދޭތި އެއްކޮށްލުމުން އޭގެ ނަތީޖާ މާބޮޑަށް ވެސް ރަނގަޅު ވާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފްތާގައި ނެރުއްވި އަމުރަކުން އެގައުމުގައި މާސްކު އެޅުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.