Last Updated: March 26, 17:17
Sunday, March 26, 2023
ޚަބަރު

އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވެންޓުން މާދަމާއިން ފެށިގެން ސަސްޕެންޑްވާނެ

އިލެކްޝަންސް ކޮމިޝަނުގެ ބޭއްވި ހަފްލާއެއްގެ ތެރެއިން - ފޮޓޯ: ސަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާދަމާއިން ފެށިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވަޒީފާއިން ސަސްޕެންޑްވިކަން ސިވިލްސާވިސް ކޮމިޝަނުން އަންގާނެކަމަށެވެ. ނަމަވެސް ނަން އަނބުރައި ގެންގޮސްފައިވާނަމަ ވަޒީފާ އަނބުރައި ރުޖޫޢަ ކުރެވޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިވިލްސާވިސް މުވައްޒިފުންނަށް މިގޮތަށް އަމަލު ކުރެވުނު ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މިހުކުމް ނުހިނގާނެ އެވެ.

ސިވިލް ސާވިސް ގެ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން ސިވިލް ސާވިސްގެ ވަޒީފާއެއްގައި ހުރި މީހަކު އިންތިޚާބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑު ވާނެއެވެ.

އަންނަ އޭޕްރީލް 10 ގައި ބޭއްވުމަށް ކަނޑައެޅިފައިވާ މި އިންތިޚާބު މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެއްސުމަށްފަހު ކޮވިޑް 19 އާއި ގުޅިގެން ވަނީ ފަސްކުރެވިފައެވެ. މިގޮތުން މިދަޔަ އަހަރު މަގާމުތަކަށް ކުރިމަތިލީ ފަރާތްތަކަށް އަލުން އަނބުރާ މަގާމުތައް ދިނުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ހާއްސަ ގާނޫނުގައި ވަނީ މާއްދާއެއް ހިމަނައި އެއަށް އަމަލުކުރަން ފަށާފައެވެ.