Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ސޭފަރ އިންޓަނެޓު ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

އަންނަ މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ސޭފަރ އިންޓަރނެޓު ދުވަހާއި ގުޅުވައިގެން ކޮމިއުނިކޭޝަން މިނިސްޓްރީއިން ކުޑަ ކުދިންނަށް ކުރެހުމުގެ މުބާރާތެއް އިއުލާންކޮށްފިއެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަ ކުދިން ވީހާވެސް ބޮޑަށް އިންޓަރނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މި މުބާރާތަކީ ކުރެހުމެއްގެ ޒަރިއްޔާއިން ރައްކާތެރި އިންޓަރނެޓެއްގެ މުހިއްމުކަން އެކުދިންނަށް ދެނެގަންނަން ލިބޭ ވަރަށް މުހިއްމު ފުރުސަތަކަށް ވާނެ ކަމަށާއި އިންޓަރނެޓުގައި މިހާރު ކުޑަ ކުދިންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި، ލިބޭ ގެއްލުންތަކާއި، މިފަދަ މުހިއްމު ކަންކަން އެކުދިން އަމިއްލަޔަށް ދެނެގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ 3 އުމުރުފުރާއެއްގެ ކުދިންނަށެވެ. އެއީ 7 އަހަރުން ދަށުގެ ކުދިންނާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށާއި އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ކުރެހުމުގެ ފޮޓޯއެއް ނެންގެވުމަށްފަހު މިނިސްޓްރީއިން ފޯރުކޮށްދީފައިވާ އޮންލައިން ފޯމަށް ގޫގުލް އެކައުންޓު މެދުވެރިކޮށް ލޮގިން ކުރުމަށްފަހު، އޭގައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ކުރެހުން އެއަށް އަޕްލޯޑުކޮށްލެވޭނެއެވެ.

މި މުބާރާތް ކުރިއަށްގެންދެވޭނީ 25 ޖަނަވަރީ 2021އިން 4 ފެބުރުއަރީ 2021ގެ 16:00ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާނެއެވެ. މުބާރާތުގައި ހުށަހެޅޭ ކުރެހުންތައް ޖަޖުކުރާނީ މިނިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތުން ވަނަ ހާސިލުކުރާ ކުދިން އިއުލާން ކުރެވޭނީ 9 ފެބުރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ރޭ މިނިސްޓްރީއިން ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައެވެ.