Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ހެލްތު މިނިސްޓްރީން މީޑިއާތަކުގެ މެދުގައި ތަފާތު ކުރުން ނުގެންގުޅެން އަންގައިފި

ހެލްތު މިނިސްޓްރީ އިން މީޑިއާތަކުގެ މެދުގައި ތަފާތު ކުރުން ނުގެންގުޅެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

އެމްއެމްސީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދަޢުވަތު ދިނުމާއި އެ އިވެންޓްތަކާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި، އެކިއެކި މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކޮށްދިނުމަށް އެދި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

މިގޮތުން ނޫސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ކަމަށް އެ ކައުންސިލުން ބުނެފައި ވަނީ، ހެލްތު މިނިސްޓްރީން މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސަށް ބައެއް ނޫސްތަކަށް ދަޢުވަތު ލިބިފައި ނުވާކަމުގެ ޝަކުވާއާއި، އެ މިނިސްޓްރީގެ ވައިބަރ ގްރޫޕްގައި ނޫސްވެރިން ކުރާ އެކިއެކި ސުވާލުތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ އެވެ.

"މިކަންތައްތަކަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންގެ ދައުރުގައިވެސް ހައްލެއް ލިބިފައި ނެތުމާއެކު އެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިކަންކަމަށް ހައްލުހޯދުމަށްޓަކައި ހެލްތް މިނިސްޓަރާއެކު މަޝްވަރާ ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުމަށްވެސް މި ކައުންސިލުން މިހާރުވަނީ އެދިފައެވެ." އެ ބަޔާނުގައި ވެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުންނާއި މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމާއި، ޢާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސިޔާސީ، ނުވަތަ ޤާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ އިޤްތިޞާދީގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކަންކަން އިސްލާޙުކުރުމަކީ އެ ކައުންސިލުގެ ޤާނޫނީ މަސްޢޫލިއްޔަތެއްކަން އެކައުންސިލްގެ ނޫސްބަޔާނުގައި ފާހަގަކޮށްފަ ވެއެވެ.

މީޑިއާތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ނޫސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ އެ ކައުންސިލުން ނުހަނު ބާރުއަޅާ ކަމަކަށްވީހިނދު، ހުރިހާ މީޑިއާތަކަށް ހަމަހަމަ އުސޫލެއްގެ މަތިން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް އެމްއެމްސީން ބުންޏެވެ.