Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

އާ ކޮންޓްރެކްޓެއް ހޯދަން އޭއޭއޭ މަރުފަލި ޖަހަނީ!

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓި ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ކޮންޓްރެކްޓް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އާ ކޮންޓްރެކްޓެއް ފްލައިން ސްކޫލް ހިންގާ ސްރިލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އަށް ނުދޭނެ ކަމާއި ފްލައިން ސްކޫލް ހިންގަން ބިޑަށްލާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ދާދިފަހުން ވަނީ ބުނެފައެވެ. މިއީ ދަރިވަރުންގެ ހައްގުގައި އޭއައިއޭ އިން ނިންމި ހަރުދަނާ އަދި ޝުކުރުވެރިވުން ހައްގު ނިންމުމެކެވެ. މިއީ އޭއޭއޭ އިން ފާއިތުވި އަހަރުތަކުގައި ދަރިވަރުންނަށް ޖެއްސި ތުރާތައް އޭއައިއޭގެ އިސްވެރިންނަށް އެނގޭ ކަމުގެ އަލިގަދަ ހެތްކެއް ވެސް މެއެވެ.

އޭއޭއޭގެ ކޮންޓްރެކްޓް ހަމަވާން ބާކީ ހަ މަސް ދުވަސް އޮތްއިރު، އޭއޭއޭ އިން އަންނަނީ އާންމު އުސޫލުން ވެސް ކޮންޓްރެކްޓް ހަމަވުމާ ދިމާކޮށް ކުޅޭ ކުޅިގަނޑު ކުޅެން މިފަހަރުވެސް ތައްޔާރުވަމުންނެވެ. އެގޮތުން އޭއޭއޭ އިން ހަރަދުކޮށްގެން ފްލައިން ސްކޫލުގައި ކުރަންޖެހޭ ކަންތައްތައް ކޮންޓްރެކްޓް އާކޮށް ނުދެވޭނަމަ ނުކުރެވޭނެ ކަމުގެ ބަހަނާ އާއި އެތައް އުޒުރުތަކެއް ދައްކައެވެ. އާހިރުގައި ސަރުކާރުން އޭއޭއޭގެ ފައިބުނޑަށް ވެއްޓި ކޮންމެ ފަހަރަކު ވެސް ކޮންޓްރެކްޓެއް "ދަރިވަރުންގެ ހައްގުގައި" ދެނީއެވެ. ކޮންޓްރެކްޓް ލިބުމާއެކު އޭއޭއޭ އިން ދަރިވަރުންގެ ކަރަށް ފައިން އަރަނީއެވެ. އެއަށްފަހު ދަރިވަރުން ދިގު އިންޒާރެއްގައި ބޭތިއްބުމަށްފަހު ފައިސާކޮޅު ފެލާލަނީއެވެ. ހުރިހާ މާޔޫސްކަމަކާއި ދެރައެއް ދަރިވަރުންނާއި މައިންބަފައިންނަށެވެ. މިއީ ފާއިތުވި އަހަރުތަކުގައި އޭއޭއޭ އިން ކުޅުނު ޑްރާމާއެވެ. މި ޑްރަމާ ހަގީގަތުގައި ބޮޑަށް ސިފަވަނީ އީދާއި ދިމާކޮށް އައު ހެދުން ގަންނަން އެއް ފިހާރައިން އަނެއް ފިހާރައަށް ދުވާ މީހުންނާއެވެ. އެގޮތުން ކަމުދާ ހެދުން ނުލިބެނީސް އެމީހުން ވެސް ގެއަކަށް ނުވަންނާނެއެވެ.

އޭއޭއޭ އިން ވެސް މިހާރު އަންނަނީ ފަޔަށް ހިނިއަރައިގެން އުޅޭ ބައެއްހެން ގަޔަށް ހެޔޮވަރު އައު ހެދުމެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ކޮންޓްރެކްޓް ހޯދުމަށް މޫނުމަތި ރީތިކޮށް ދަރިވަރުންނާއި ދެކޮޅަށް މީޑިއާ އަށް އިންޓަވިއު ދޭން ވެސް އޭއޭއޭ ތައްޔާރުވަމުންދާ ކަމުގެ އަޑުތަކެއް ވެސް އިވެއެވެ. އަދި ރޮކެޓް ސްޕީޑުގައި ދަރިވަރުންގެ ކޯސް ނިންމަން އޭއޭއޭ އިން އަމާޒު ހިފާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެއެވެ. އޭއޭއޭގެ ފޭސްބުކް ޕޭޖުގައި އަންނަނީ މިކަން އިޝްތިހާރު ވެސް ކުރަމުންނެވެ. ދަރިވަރުންގެ ކޯސް ނިމި އެ ދަރިވަރުން ގައުމަށް ހިދުމަތް ކުރަން ނިކުތުމަކީ އުފާހުރި ކަމެކެވެ. ސުވާލަކީ މި ބާރުމިނުގައި ދަރިވަރުން ނިންމަން އޭއޭއޭ އިން މީގެކުރިން ނޫޅުނީ ކީއްވެގެންބާވައެވެ؟ މައްސަލަ ޖެހުނު ފްލައިޓްތައް އަލުން އޮޕަރޭޝަނަށް ނެރެ ދަރިވަރުން ނިންމަން މަސައްކަތް ނުކުރީ ކީއްވެގެންތޯއެވެ؟ ފެންނަން އޮތް މަންޒަރަށް ބަލާއިރު އޭއޭއޭ އިން ވަނީ ދަރިވަރުންގެ އަތުން ފައިސާތައް ނަގައިގެން ދަރިވަރުންނަށް ގަސްދުގައި އިހުމާލުވެފައެވެ.

އައު ކޮންޓްރެކްޓަކަށް އޭއޭއޭ އިން ކަޅި އަޅަމުންދާއިރު، ސަރުކާރުން ވެސް އަދި ގަން އެއާޕޯޓު ކުންފުނިން ވެސް ގޮތެއް ނިންމާއިރު އޭއޭއޭ ގެ މާޒީ އަށް ބެލުން މުހިންމެވެ. ހަމައެކަނި ބަލަންވީ އޭއޭއޭ އިން ކުރިއަށް އޮތް ހަ މަސްދުވަސްތެރޭ ކުރާ ކަމަކަށް ނޫނެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އޭއޭއޭ އާއި ހަވާލުކުރެވުނު ޒިންމާ އެމީހުންނަށް އަދާކުރެވުނުތޯ ބަލާށެވެ. އޭއޭއޭގެ މާޒީ އަކީ ހުތުރު މާޒީއެކެވެ. އެ މާޒީން ފެންނަން އޮތީ ދަރިވަރުންނަށް އިހުމާލުވުމާއި، އަނިޔާވެރިވުމުގެ އިތުރުން ދަރިވަރުންގެ އުއްމީދުތަކަށް ފައިން އެރުމެވެ. މި މާޒީއަށް ފަސް އަޅައި ފޮރުވަން ޖެނެރަލް މެނޭޖަރަކު ގެނަޔަސް މިކަން ދިވެހި ދަރިވަރުންނާއި ބެލެނިވެރިން ހަނދާނެއް ނުނެތޭނެއެވެ.

އޭއޭއޭ އަކީ އެތައް އަހަރެއް ވަންދެން ދިވެހި ދަރިވަރުން "ހައިޖެކް" ކޮށްގެން ނާޖާއިޒު އެތައް މަންފާތަކެއް ހޯދަމުންދިޔަ ކުންފުންޏެކެވެ. އެތައް ދިވެހި ދަރިވަރުންތަކަކަށް ޖިސްމާނީ، ނަފްސާނީ އަދި ފޫނުބެދޭ ވަރުގެ އެތައް ގެއްލުމަކާއި ފޮނި އުއްމީދުތަކެއް ދެކެމުންދިޔަ އެތައް ޒުވާނުންނެއްގެ ހަޔާތުން ދުވަސްތަކެއް ފެނަށް ދުއްވާލި އަނިޔާވެރި ބައެކެވެ. މޫނުމަތި ރީތިކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މި ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އޭއޭއޭ އަކީ ދިވެހިންނަށް މިހާރު ދަސް ބަޔެކެވެ. ދިވެހި ދަރިވަރުންނާއި ބެލެނިވެރިންގެ މައާފެއް އޭއޭއޭ އަކަށް ނެތެވެ. އާ ކޮންޓްރެކްޓަކަށް އޭއޭއޭ އިން ޖަހަމުންދާ މަރުފަލި އަށް ސަރުކާރުން ހޭލާ ތިބޭށެވެ.