Last Updated: April 16, 09:42
Tuesday, April 16, 2024
ޚަބަރު

އުމަރުގެ ތުހުމަތު: ރާއްޖެ ޓީވީން އިންޑިއާ ސިފައިން ރާއްޖެ ތިބުން ޕްރޮމޯޓު ކުރަނީ

ރަމަޟާން މަހަށް އަމާޒުކޮށްގެން ރާއްޖެ ޓީވީން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ރިޔަލިޓީ ޝޯ "ސެލެބްރިޓީ ރޭސް"ގެ ޝޫޓިންގައި ސިފައިންގެ ބައެއް އުޅަނދު ތަކާއި އިންޑިއާއިން ހަދިޔާ ކުރި ހެލިކޮޕްޓަރ ބޭނުން ކުރުމުން އެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ޝޯގައި ހެލިކޮޕްޓަރ އާއި ސިފައިންގެ އުޅަނދުތަކެއް ބޭނުން ކުރި ކަމަށް ބުނެ އަވަސް ނޫހުގައި ޖަހާފައިވާ ހަބަރެެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން އުމަރު ވަނީ ރާއްޖެ ޓީވީ ޕްރޮގްރާމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ހިތްވަރުދޭކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ އެ ޝޯއަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭނެ ޔުނިޓެއް ގާއިމް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނަގާ ޕްރޮގްރާމެއްކަމަށެވެ. އަދި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ ބައެއް އުޅަނދު ތަކާއި ހެލިކޮޕްޓަރ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ޝޯވް ގެ މަންޒަރު ތައް ނަގާފައިވަނީ ދ. އަތޮޅު ގެމެންދޫ ފަޅުތެރޭގައެެވެ. މިކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިއުންތައް ވަނީ އެމްއެންޑީއެފްއަށް އަމާޒުވެފައެވެ.

އެމްއެންޑީއެފް އިން މިކަމާއި ގުޅިގެން ފަހުން ބުނެފައިވަނީ “ސެލެބްރިޓީ ރޭސް” ގައި ބޭނުން ކުރަން އެމްއެންޑީއެފް އުޅަނދުތަކާއި ސިފައިން ދޫކުރީ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.