Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ގޮޅި ހުރި ވަރަކަށް ޖަލަށްދާން ތައްޔާރު: ސައީދު

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ގޮޅި ހުރި ވަރަކަށް ޖަލަށްދާން ތައްޔާރު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ މިއަދު ދައުލަތުގެ ތިން ބާރުވެސް އޮތީ ކާ މޭޒު މަތީގައި ކަމަށާއި އަދުލު އިންސާފު ގާއިމު ނުކުރެވޭތީ އާއި ތަކެތީގެ އަގުބޮޑުވަމުންދާތީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން މިހާރު އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން މިރޭ ބާއްވާ މުޒާހަރާ އަށް ނިކުންނަ މީހުން މާގިނަ ވާނެ ކަމަށާއި މާދަމާ އަދި އެއަށް ވުރެ ގިނަ ވާނެއިރު ހުކުރު ދުވަހު މުޅި ރާއްޖެ ތެދުވާނެ ކަމަށާއި ހައްޔަރުކުރިޔަސް މައްސަލައެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖަލުގައި ގޮޅި ހުރި ވަރަކަށް ޖަލަށްދާން ތައްޔާރަށް މިތިބީ" ސައީދު ވިދާޅުވިއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން މިހާރު ރައްޔިތުންނަށް ދޭން އުޅޭ ވެކްސިންގެ މައުލޫމާތު އިދިކޮޅުން ހޯދާނެ ކަމަށާއި އެގޮތުން މިއަދުވެސް ހެލްތް މިނިސްޓްރީ އަށް އެކަމާ ގުޅޭ މައުލޫމާތު ހޯދަން ދިޔައީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިނިސްޓްރީ އަށް އައުމަށް އެދުމުން ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅުގެ ލީޑަޝިޕާއި ބައްދަލުކުރުމުގެ ބަދަލުގައި މިނިސްޓަރު ވަޑައިގަތީ ގެއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގެ ނިޒާމު އޮތީ ބޮއްސުންލާފައި ކަމަށާއި އެކަން ހަމަޔަކަށް އަޅުވައި އަޑުއުފުލަން ރައްޔިތުން ނިކުތުމަށް ސައީދު ވަނީ ގޮވާލާފައެވެ.