Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ޕާޓީއަކަށް ދިޔަ ސްކޫލު ދަރިވަރުންތަކެއް ޕޮޒިޓިވް ވެއްޖެ

ޑރ.ނަޒްލާ ރަފީގު - ފޮޓޯ: ރައީސް އޮފީސް

ޕާޓީއަކަށްދިޔަ ސްކޫލު ދަރިވަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ނަމުގައި ވާހަކަދައްކަވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އެއް ސުކޫލެއްގެ އެއް ކުލާހެެެއްގެ ވަރަށް ގިނަ ކުދިން ޕޮޒިޓިވްވެފައި އެބަތިބިކަމަށާއި އެކަންތައް ބެލުމުން އިނގެނީ މިކަމަކީ ސްކޫލްގެ މާހައުލުން ހިނގާފައިވާ ކަމެއް ނޫންކަން ކަމަށެވެ.

އަދި މިކަން ހިނގަން މެދުވެރިވި ސަބަބެއްކަމަށް ޑރ.ނަޒްލާ ވިދާޅުވީ މިއީ ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން ހިނގި ކޭސްއެއް ކަމަށެވެ.

"މިއަދު އަޅުގަނޑު ބަލައިލިއިރުގައި އެއް ސުކޫލެއްގެ އެއް ކުލާހެެެއްގެ ވަރަށް ގިނަ ކުދިން ޕޮޒިޓިވްވެފައި އެބަތިބި. އެކަމަކު މި ކަން ރަނގަޅަށް ބަލައިލިއިރުގައި މިއީ ކްލާސްތެރެއިންނެއް ނޫން. ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން. އެކަމަކު ޚަބަރު އަންނަނީ ގްރޭޑް 08 އޭ ޕޮޒިިޓިވްވެއްޖެއޭ" ނަޒްލާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި ދަރިވަރުންތައް ހިމެނޭ ސުކޫލްގެ ނަން ހާމަ ނުކުރައްވައި ޑރ. ނަޒްލާ ފާހަގަކުރެއްވި ގޮތުގައި މިކަމާއި ގުޅިގެން ސުކޫލްގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް މިހާރު ވަނީ ރަނގޅަށް އަޅާފައިކަމަށެވެ.