Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމު ކުރަނީ

ހއ.ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިފްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސާރާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައުދަކީ ރާއްޖޭގައި އައިސް ލިބުމުގެ ތަނަވަސްކަން 45 އިންސައްތައަށް އިތުރު ކުރާނެ ކަމުގެ ވައުދު ކަމަށާއި އިރާދަކުރެއްވިއްޔާ މިސަރުކާރުން އެވައުދުތައް ފުއްދަވައިދެއްވާނެކަމަށެވެ.

އަދި މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުކަމީ ވެސް ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ މިކަމުން ހާމަވެގެންދަނީ ރައްޔިތުން ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހުގައި މިމަސައްކަތް ކުރެވިއްޖެކަމަށް ވާނަމަ ކާމިޔާބީ ލިބޭނެކަން ކަމަށެވެ.

މި ކޮންޓްރެކްޓް ސަރުކާރުން މިފްކޯ އާއި ހަވާލުކުރަން ނިންމި ސަބަބެއް ކަމަށް ހާމަކުރެއްވީ މިފްކޯއަކީ މިކަމުގައި ތަޖުރިބާ ހުރި ކުންފުންޏެއްކަމަށް ވުމުން ކަމަށާއި އަދި އެހެންކަމުން މިކަމުގެ ސަބަބުން ޔަގީން ކަމާއެކު މިއައިސް ޕްލާންޓަކީ ވެސް ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ އައިސް ޕްލާންޓެއް ކަމަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވެސް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ދެއްވާފައެވެ.

މި ހަފްލާގައި މިނިސްޓަރުވަނީ އަމިއްލަ ފަރާތްތަކަށް ވެސް އައިސް ޕްލާަންޓް ހުޅުވުމަށް ހިތްވަރު ދެއްވާފައި ރަނގަޅަށް އެކަން ކުރެވިއްޖެކަމަށްވާނަމަ އެކަމުގެ މަންފާ ސިފަކޮށްދެއްވާފައެވެ. މިސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވެސް މިނިސްޓަރު ޒަހާ ވަނީ ވިދާޅުވެފައެވެ.