Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ދެކުނަށް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަ ވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.