Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

މިޔަންމާގެ އަސްކަރިއްޔާ އިން ސޫކީ ހައްޔަރުކޮށްފި

މިޔަންމާގެ އަސްކަރިއްޔާ އިން އެގައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށްފިއެވެ.

ސޫކީ ނިސްބަތްވެ ވަޑައިގަންނަވާ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީގެ ތަރުޖަމާނު "ރޮއިޓާސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ ސޫކީގެ އިތުރުން އެގައުމުގެ ރައީސް ވިން މަޔިންޓް އާއި އެހެނިހެން ސިޔާސީ ފަރާތްތައް ވެސް އަސްކަރިއްޔާ އިން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

ކުއްލި ގޮތަކަށް މިޔަންމާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިމިވަނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އެގައުމުގެ އަސްކަރިއްޔާ އިން ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. އެގޮތުން އެ އިންތިހާބުގައި ނޭޝަނަލް ލީފް ފޯ ޑިމޮކްރެސީން ވަނީ ސަރުކާރެއް އުފެއްދޭ މިންވަރަށް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ފާއިތުވި ދުވަސްތަކުގައި ވެރިކަން ކުރާ ޕާޓީއަށް ބަހުގެ ގިނަ ހަމަލާތަކެއް ދީފައިވާއިރު އަސްކަރިއްޔާ އިން އެގައުމުގައި ބަޣާވާތެއް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިޔަންމާގެ އިސްވެރިންތަކެއް ހައްޔަރުކުރުމަށްފަހު އެގައުމުގެ އަސްކަރިއްޔާ އިން މިހާރު އަންނަނީ އެގައުމުގެ މަގުތަކުގައި ފޯރިމަރަމުންނެވެ. އަދި ފޯނާއި އިންޓަނެޓްގެ ހިދުމަތް ވެސް މިވަގުތު ކަނޑާލާފައިވާއިރު އެގައުމުގެ 14 ރީޖަނެއްގެ ޗީފް މިނިސްޓަރުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންތިހާބު އޮޅުވާލާފައިވާ ކަމަށް މިޔަންމާގެ އަސްކަރިއްޔާ އިން ތުހުމަތު ކުރި ނަމަވެސް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައެވެ. މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ އައު ދައުރު މިއަދު ފެށުމަށް އޮތީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 50 އަހަރުވަންދެން މިޔަންމާގައި ވެރިކަން ކުރަމުން އައިސްފައިވަނީ އެގައުމުގެ އަސްކަރިއްޔާ އިންނެވެ. ނަމަވެސް 2010 ވަނަ އަހަރު އެކަން ބަދަލުވިއިރު، މިޔަންމާގެ ގާނޫނު އަސާސީ މިހާރު ބުނާގޮތުން އެގައުމުގެ އަސްކަރިއްޔާ އަށް ގާނޫނު ހަދާ މަޖިލީހުން ވަކި މިންވަރަކަށް ގޮނޑިތަކެއް ދޭން ލާޒިމު ކުރެއެވެ. އަދި ބާރުގަދަ ބައެއް ވުޒާރާތައް ވެސް އަސްކަރިއްޔާ އަށް ދޭން އޮންނަނީ ލާޒިމުކޮށްފައެވެ.