Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ރަށްރަށުން ކަރަންޓު ކެނޑޭ ވާހަކަ މިހާރު ނީވޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ރަށްރަށުން ކަރަންޓު ކެނޑޭ ވާހަކަ މިހާރު ނީވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ގޮތުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި، ފެނަކަ އިން 158 ޖަނަރޭޓަރު ގެނެސްފައިވާ ކަމަށާއި އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯ އަކީ ރާއްޖޭގެ ކުދި ރަށްތަކަށް ވަރަށް ބަލައިގަނެވޭ އެއްޗެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، މިދިޔަ 2018 އަހަރުގެ ނޮވެމްބަރުން ޑިސެމްބަރަށް ދިޔައިރު އެތަން މިތަނުން އެބަ ބުނޭ ކަރަންޓު ކެނޑިއްޖެއޭ. އިއްޔެގައި އަޑު އެއްސެވިންތޯ އެއްވެސް ރަށަކުން ކަރަންޓު ކެނޑިފައި ހުރި ވާހަކަ؟ އަޑެއް ނާއްސަވާނެ" ނަޝީދު ވިދާޅުވިއެވެ.

ރަށްރަށުން ކަރަންޓު ކެނޑޭ ވާހަކަ މިއަދު އަޑު ނީވެނީ 78 މެގަވޮޓްގެ އާ ޖެނެރޭޓިން ކެޕޭސިޓީ މި ސަރުކާރުން ހޯދާދީފައިވާތީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުން އެމްޑީޕީ އަށް ވޯޓު ނުދީ ހުރެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ ކައުންސިލް އިންތިހާބުން އެމްޑީޕީ ބަލިވާނެ އެއްވެސް ގޮތެއް އިންތޯ ބަލަން ވަރަށް ހިސާބު ޖައްސަވާފައިވާ ކަމަށާއި ނަމަވެސް އިންތިހާބުން ބަލިވޭނެ ހަމަ އެއްގޮތެއް ވެސް ނުފެނުނު ކަމަށްވެސް ވިދާޅުވެފައެވެ.