Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

އެމްއެންޔޫގެ ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީއަށް ޝުޖޫން

އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީއަށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން މާފަންނު ކޮކާހަނދުވަރުގެ، އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އައްޔަންކުރައްވަައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީއަށް އެ ކޮމިޝަންގެ ފަރާތުން ބޭފުޅަކު ހަމަޖައްސަވައިދެއްވުމަށް އެ ފެކަލްޓީން އެދިވަޑައިގެންފައި ވާތީ، ކޮމިޝަންގެ މެންބަރެއްކަމަށްވާ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެ ކޮމިޓީއަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު މި މަގާމަށް އައްޔަން ކުރެވިގެންދިޔައީ އިއްޔެ ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 8 ވަނަ ޖަލްސާގައެެވެ.

ކޮމެޓީގެ ބައްދަލުވުންތަކަށް އިނާޔަތެއް ކަނޑައެޅިފައިވީ ނަމަވެސް ކޮމިޝަނުން ނިންމީ ޝުޖޫން އެ ކޮމިޓީގައި މަސައްކަތްކުރައްވާނީ އެއްވެސް އުޖޫރައެއް ނެންގެވުމެއް ނެތިކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މަދަނީކޯޓްގެ ޤާޟީކަމުގައި ހުންނެވި އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވަނީ ޝަރުޢީދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިޔާއިން މާސްޓަރސް އޮފް ލޯ (އެލްއެލްއެމް) ހާސިލްކުރައްވާފައެވެ.