Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ލިޓަސްގެ ފަރާތުން ފުލުހުންނަށް ސައިކަލު ހަދިޔާކޮށްފި

ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ސައިކަލުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރެވެ.

ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ފުލުހުން ބުނީ ލިޓަސްގެ ފަރާތުން ހަދިޔާކުރި އޯޖޫ ބްރޭންޑްގެ މި ހަތަރު ސައިކަލު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ އެކި މަސައްކަތްތަކުގައި ކަމަށެވެ.

ރާއްޖޭގެ އެކި ކުންފުނިތަކުން ފުލުހުންގެ މަސައްކަތްތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސްގެ ފަރާތުން 100 ހެލްމެޓް މީގެ ކުރިން ހަދިޔާ ކޮށްފައިވެއެވެ.