Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އެޗްޕީއޭއިން އެޅި ފިޔަވަޅުތަކަށް މައުމޫން ތާއިދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: އައްޑޫ ލައިވް

ކޮވިޑު-19 ފެތުރެމުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަޅަން ނިންމި ފިޔަވަޅުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއިދު ކުރައްވައިފިއެވެ.

މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަން ނިންމި ފިޔަވަޅުތަކަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި ހުރިާ ރައްޔިތުން އެކުގައި މިބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ރައީސް މައުމޫންވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިރޭ 11 އިން ފެށިގެން ފަތުު 4:30 އާއި ހަމައަށް މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. މީގެ އިތުރުން ރޭގަނޑު 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެެވެ.

އަދި ޕްރީ ސްކޫލްތައް ބަންދުކޮށް ގައުމީ ޔުނިވާސިޓީގެ ކިޔެވުން ވަނީ އޮންލައިން ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރުމަށާއި، ރާއްޖޭގެ ހުރިާ ރަށެއްގައި މާސްކު އެޅުން ވަނީ މަޖްބޫރުކޮށްފައެެވެ.

އެޗްޕީއޭއިން އިއްޔެ ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓު ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖެ މިހާރު އޮތީ ހައި ރިސްކު ކެޓަގަރީގައި ކަމަށެވެ.

އެޗްއީއޯސީން ހެދި ދިރާސާ އަކުން ދައްކާގޮތުން މިހާރު ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓް އުޅޭކަން ވަނީ ފާހަގަކުރެވިފައިއެވެ. އެގޮތުން މިހާރު ބައްޔަށް ޕޮޒިޓިވްވާ 30 ޕަސެންޓު މީހުން ޕޮޒިޓިވް ވަނީ އާ ވޭރިއަންޓުގެ ސަބަބުން ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

އަދި އާ ވޭރިއަންޓާއެކު ބަލި ފެތުރުން އަވަސް ވާނެ ކަމަށާއި އެގޮތުން ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ބަލި ޖައްސަނީ ދެ މީހުންނަށް ކަމަށްވީ ނަމަވެސް އާ ވޭރިއަންޓާއެކު އެކެއްގެ ގައިން ފަސް މީހަކަށް ބަލި ޖައްސާ ކަމަށްވެސް ޝީނާ ވިދާޅުވިއެވެ.