Last Updated: April 19, 17:49
Friday, April 19, 2024
ކުޅިވަރު

ބާސާ ސްޕެނިޝް ކަޕްގެ ސެމީ އަށް

ގްރެނާޑާގެ މައްޗަށް 5-3 އިން ކުރި ހޯދައި ސްޕެނިޝް ކަޕްގެ ސެމީފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 33 ވަނަ މިނެޓްގައި ކެނެޑީ ވަނީ ގްރެނާޑާ އަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ރޮބާޓޯ ސޮލްޑާޑޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބާސާ އިން މި މެޗުގައި ޖެހި ފުރަތަމަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގްރިޒްމަން އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ އަލްބާ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ.

އެގޮތުން އެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ގްރިޒްމަން ވަނީ ބާސާ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދީފައެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ ގްރެނާޑާ އަށް ލިބުނު ޕެނަލްޓީ އަކުން ވިކޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ބާސާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ފްރެންކީ ޑި ޔޮންގް ކަމަށްވާއިރު އެޓީމަށް ސެމީން ޖާގައެއް ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އަލްބާ އެވެ.

ބާސާގެ އިތުރުން ދެން މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައިވަނީ ލެވާންޓޭ އާއި ސެވިއްޔާ އެވެ. ސެމީގެ ފަހު ޖާގަ އަށް ވާދަކުރަނީ ރެއާލް ބެޓިސް އާއި އެތްލެޓިކް ބިލްބާއޯއެވެ.

ބާސާ އިން ވަނީ ފާއިތުވި ހަ އަހަރުތެރޭ ސްޕެނިޝް ކަޕް ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.