Last Updated: January 19, 11:57
Wednesday, January 19, 2022
ޚަބަރު ރައީސް އިބޫ

ކޮވިޑް ރިލީފް ޕެކޭޖްގެ ތެރެއިން ބިލިއަނަކަށްވުރެއް ގިނަ ރުފިޔާގެ ލޯނު ދޫކުރިން: ރައީސް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް ރިލީފް ޕެކޭޖުގެ ތެރެއިން ވިޔަފާރިތައް ރައްކާތެރިކުރުމަށް ބިލިއަނަކަށްވުރެއް ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އިޤްތިޞާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތަކާ މެދު، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު ވަޒަންކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ޙާލަތު އެ ގޮތަށް ދޫކޮށްލި ނަމަ، އަދި އިޤްތިސާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެޙާލަތަށް ދޫކޮށްލި ނަމަ، މުޅި ޤައުމަށް ކުރިމަތިވާނެ ގެއްލުން އަންދާޒާކުރެވުނު ކަމަށެވެ.

"އެ ޙާހާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން، ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް، ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރު އަޅުގަނޑުމެންނަށް ފެނުނު. އަޅުގަނޑުމެންގެ ވިސްނުމަކަށްވީ، މި ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓައިދިނުން. ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން. އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައިސް ސޯލިހް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައިލަދީފައިވާނެ ކަމަށެވެ. އަދި ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ހައުސިންގ ލޯންތަކަށް ވެސް ލުއި ދީ، މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް ހަ މަސްދުވަސް ފަސްކޮށްދީފައިވާކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދީފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް 17،147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ތެރެއިން، ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް، ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއީވެސް ވަރަށް ގިނަ ބަޔަކު ޙިއްޞާވާ، އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޯވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، ހަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ހިދުމަތް ދެމުން އައީ، ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް، އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު ކަމަށާއި، އަދި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުސަތު ލިބިގެންދިޔަކަމަށެވެ. އަދި އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.