Last Updated: January 19, 12:50
Wednesday, January 19, 2022
ޚަބަރު ރައީސް އިބޫ

ރިޔާސީ ބަޔާން: މިފްކޯއަށް މަސްގަންނަ މިންވަރު އިތުރު ކުރަނީ!

މަސްވެރިން މަސް ބާނަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ ޕޭޖް

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދި ސޯލިހް ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް މަޖިލިސް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާއި އިޤްތިސާދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު، މިހާރުވާނީ އާންމުކޮށް ހުޅުވާލާފައިވާނެ ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ.

ރައިސް ސޯލިހް ވިދާޅުވީ، މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދީފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށެވެ. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިންސައްތަ އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ދަނޑުވެރި އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓްކުރެވޭނެ އިންތިޒާމެއް ނެތުމާއި، ގަންނަން ބޭނުންވާ މީހުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި، އުފެއްދުންތައް ލިބޭނެކަމުގެ ޔަގީންކަން ނެތުން ކަމަށެވެ. މިކަން ހައްލުކުރުމަށް، މިހާރުވާނީ އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޙިއްސާވާ ކުންފުންޏެއް އުފައްދާފައި ކަމަށާއި، މިދިޔަ ފުރަބަންދުގެ ތެރޭގައިވެސް ދަނޑުވެރި އުފެއްދުންތައް ބާޒާރަށް ނެރުމުގައި، މި ކުންފުނިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މަޤްސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.