Last Updated: October 21, 22:25
Thursday, October 21, 2021
ޚަބަރު ރައީސް ސޯލިހު

ޖާގަ ބޮޑު، އަގުހެޔޮ 5000 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އަޅަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖާގަ ބޮޑު އަދި އަގުހެޔޮ ހައުސިން ޔުނިޓްތަކެއް މާލެ ސަރަހައްދުގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދާކަމަށާއި އަދި މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަމަށްވެސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށާއި، އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވާނީ ސޮއިކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، "ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށް" ވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް އަންނަނީ ޕްލޭންކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެމަޝްރޫޢުތައް ވާނީ ފަށާފައި ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން އެކި ފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށެވެ. އަދި އެ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ޙަވާލުކުރެވޭނެ ކަމަށާއި އޭރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.