Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޗެލްސީން ޓޮޓެންހަމް ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްގެ މައްޗަށް 1-0 އިން ޗެލްސީން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޗެލްސީ މިހާރު ވަނީ 36 ޕޮއިންޓާ އެކު ލީގުގެ ހަވަނަ މަގާމަށް އަރާފައެވެ. ޓޮޓެންހަމް އޮތީ 33 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް މެޗުގެ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ. މި ގޯލަށްފަހު ވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެގޮތުން ހަޑްސަން އޮޑޯއި އާއި ކޮވަސިޗް ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު މައުންޓް ފޮނުވާލި ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.

ޓޮޓެންހަމްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވާޑް ކާލޯސް ވިނީޝަސް އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ޓޮޓެންހަމް ބަލިވި ތިންވަނަ މެޗެވެ. އެގޮތުން ލީގުގައި ޖެހިޖެހިގެން ތިން މެޗުން އެންމެފަހުން ޓޮޓެންހަމް ބަލިވީ 2012 ވަނަ އަހަރުއެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާއެވެ. ޓޮޓެންހަމް ނިކުންނާނީ ވެސްޓްބްރޮމްއާ ދެކޮޅަށެވެ.