Last Updated: April 26, 17:02
Friday, April 26, 2024
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް: ސެމީގެ މެޗުތައް މިއަދު ފަށަނީ

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލްގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މެދުވަލު އެފްސީ އާއި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އެފްސީ ބޭރުމަތި އެވެ. މުބާރާތުގެ ދެވަނަ ސެމީގައި މާދަމާ ހަވީރު ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް އެވެ.

މުބާރާތުގެ ސެމީ އަށް ގްރޫޕް އޭގެ އެއްވަނަ ހޯދި ބޭރުމަތި އާއި ގްރޫޕް ބީ ގެ އެއްވަނަ ފޭދޫ ސްޕޯޓްސް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މެދުވަލު އެފްސީ އަށް ބަލާއިރު އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެފައެވެ. ފާހި ސްޕޯޓްސް ގްރޫޕް ސްޓޭޖުގައި ބަލިވީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ސެމީފައިނަލްގެ މެޗުތައް ފަށާނީ ހަވީރު 16:00 ގައެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ހިތަދޫ ސްޓޭޑިއަމްގައެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.